ރަށްރަށުގެ ކައުންސިލަރު ކަމަށް ފަސް މީހުން ވެސް މަދު ކަމަށް އެލްޖީއޭގެ ޑިރެކްޓަރު ޖެނަރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެހެން ވިދާޅުވިނަމަވެސް އެމަގުން، ކައުންސިލަރުން އިތުރުކުރިޔަސް މިހާރު މުސާރަ ދޭ ގޮތަށް އެކަން ކުރަން ތާއީދު ނުކުރާ ކަމަށްވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި، ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ވިސްނުމާ ބެހޭ ގޮތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު އަސްލަމް ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ލޯކަލް ގަވަނެންސްގެ މާނައަކީ ޕާޓިސިޕޭޓްރީ ގަވަނެންސް ނުވަތަ ރައްޔިތުން ބައިވެރިވެގެން ރަށެއް، އަތޮޅެއް ހިންގާނެ ގޮތެއް ކަމަށެވެ.
ކަން މިހެން އޮތުމުން ރަށަކަށް 2-1 މީހުން އިންތިހާބުކޮށްފި ނަމަ އެއީ ޕާޓިސިޕޭޓްރީ ގަވަނެންސް އަކަށް ނުވާނެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ލޯކަލް ގަވަނެންސަކީ ހަރަދު ބޮޑު އަދި އާއްމުންގެ ބޮޑު ބައިވެރިވުމާ އެކު ހިންގާ ނިޒާމެކެވެ.
ހަރަދުތަކަށް ބަލާއިރު ކައުންސިލްތައް ހިންގަން ބޮޑު ހަރަދެއް ހިނގާ ކަމަށާއި، ހަރަދު ބޮޑުވެގެން ކައުންސިލްތައް ބޮޑު ކަމަށް ބުނަނީ އެއީ ރަގަނޅު މޮޑިއުލެއްގައި އެކަން ނުކުރާތީ ކަން އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ލޯކަލް ގަވާރނެސް ރަގަނޅު ވަނީ ރައްޔިތުންގެ ބައިވެރިވުން ބޮޑުވާ ވަރަކަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފު ވިދާޅުވީ ކައުންސިލަކަށް ތިން މެމްބަރުން ކުޑަ ކަމަށެވެ. އެއީ ގެއެއްގެ ކަމެއް ނިންމުން ކަހަލަ ކަމެއް ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނަށް އެ އޮތޯރިޓީން ޕްރޮޕޯޒްކުރި އިސްލާހަކީ އަންހެނުންގެ ކޮމިޓީ، ކައުންސިލްގެ ތެރޭގައި އޮންނަ ކޮމިޓީއެއް ގޮތަށް ބާއްވައި، ކައުންސިލަށް އަންހެނުންނަށް ކޯޓާއެއް ހަމަޖެއްސުމެވެ. ނަމަވެސް، މަޖިލީހުން އެ ނިންމުން ނިންމީ އެލްޖީއޭގެ ހުށަހެޅުމާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް