ރައީސް މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެމީހަކު ހައްޔަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިހުރުހެދިކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެއްވަމު...

26 Jun 2024 | 08:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިހުރުހެދިކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ދެންމެ ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު ދެމީހަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އެމީހުން ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

"މި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި" ފުލުހުން ބުނެފައިއެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާއާއި "އަރިސް" ވެވޭފަދަގޮތަކަށް ސިހުރު ހެދިކަމުގެ ތުހުމަތެއްގައެވެ.

ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒަކީ މި ވެރިކަން ފެށުނުއިރު ރައީސް މުޢިއްޒުއާއި އެންމެ އަރިސްކޮށް ފެނުނު އެއް ވަޒީރެވެ. އެހެންނަމަވެސް މިފަހުން ރައީސާއެކު ރަމީޒް ފެނިފައެއް ނުވެއެވެ.

ޝަމްނާޒްއަކީ އެންވަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. މީގެ ކުރިން ޝަމްނާޒް ހުރީ މުލިއާގޭގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް ފަހުން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ބަދަލުކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް