ރައީސް މުއިއްޒު އެމްޑީޕީއަށް ތަހުނިޔާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ތަހުނިޔާ ދަންނަވައިފިއެވެ. ރައީސް މުޢިއްޒު އެމްޑީޕީއަށް ތަހުނިޔާ ދެންނެވީ އެ ޕާޓީގެ 19ވަނަ އަހަރީ ދު...

26 Jun 2024 | 06:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ތަހުނިޔާ ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު އެމްޑީޕީއަށް ތަހުނިޔާ ދެންނެވީ އެ ޕާޓީގެ 19ވަނަ އަހަރީ ދުވަހާއި ގުޅުވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، އެ ޕާޓީގެ އިސްވެރީންނާއި މެންބަރުންނަށް ދަންނަވާކަމަށެވެ.

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ.

އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއެހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ. އެގޮތުން އެތެރޭގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެކަމާއެކު، ދިވެހިރާއްޖެއަށް ޑެމޮކްރެޓިކް ޙަރަކާތްތެރިކަން ގެނުވައި، އިސްލާޙީ ބަދަލުތައް ތަންފީޒުކުރުމަށް އޭރުގެ ސަރުކާރުގެ މައްޗަށް އެމްޑީޕީއިން ނުފޫޒު ފޯރުވައި އެކަން ކާމިޔާބު ކުރިކަމަށް އެ ޕާޓީން ބުނެއެވެ.

ޖަނަވަރީ 2005 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެކަން އާންމުކޮށް އިއުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އަދި ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި ދޫނުދީ، އެކަން ހަމަނުޖެހެނީސް ހޯމް މިނިސްޓްރީގެ އޮފީހުން ނުނިކުމެ، ސުލްޙަވެރިކަމާއެކު އިށީނދެތިބެ ކުރި ހިތްވަރުން، 26 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވިގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް