ގޯތި ލިސްޓް އިއުލާނުކުރުން މިއަދު ހަވީރު

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ގޯތިލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ. އެގޮތުން މިއަދު ހަވީރު 4:00ގައި ރައީސް އޮފީހުގައި ގެދޮރުވެރި...

26 Jun 2023 | 08:39

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ގޯތިލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.

އެގޮތުން މިއަދު ހަވީރު 4:00ގައި ރައީސް އޮފީހުގައި ގެދޮރުވެރިންގެ ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ހާމަކޮށްފައިވެއެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ގޯތި ހޯދުމަށް 15164 މީހަކު ހުށަހަޅާފައިވެއެވެ. މި އެޕްލިކޭޝަން ފޯމުތައް ޕްރޮސެސްކޮށް ނިމި އިއުލާނުކުރަން ތައްޔާރުވެފައިވާކަން ގެދޮރުވެރިންގެ ކޮމިޓީން މީގެ ކުރިން އިއުލާނު ކޮށްފައިވެއެވެ.

އެންމެ ފަހުން މިކަމުގެ މައުލޫމާތު ހާމަކުރައްވަމުން ހައުސިން މިނިސްޓަރު އަސްލަމް، ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ މިވަގުތު މާލޭ ރައްޔިތުންނަށް ގޯތި ދޫކުރެވެން އޮތީ ހަމަ އެކަނި ހުޅުމާލެއިން ކަމަށާއި އެހެން ނަމަވެސް ގުޅީފަޅު ހިއްކައިގެންވެސް ގޯތި ދޫކުރުމުގެ މަސައކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އަސްލަމް އޭރު ވިދާޅުވީ ގޯތިތައް ދޫކުރާނީ އެއްވެސް އިރަކު މާލެ ނޫން ތަނެއްގައި ރަޖިސްޓްރީވެފައިނުވާ މީހުންނަށް އެކަނި ކަމަށެވެ. އެހެންކަމުން ދަފުތަރުގައި ހިމެނޭ މީހުންގެ ދަރިން އެ ޕްރޮގްރާމަށް ޝަރުތު ހަމަވާނެއެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރަން ނިންމާފައިވަނީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން ދެ ހާސް ގޯތި އަދި ގިރާވަރު ފަޅުން ދެހާސް ގޯއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް