ވަކި ފަރުދަކަށްވުރެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި މި ގައުމު މާ ބޮޑު ކަމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރުވެސް ކުރައްވަމުން އަންނަ ފައްޔާޒް މިހެންވިދާޅުވީ އެމްޑީޕީއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ބަސްދީގަތުމެއްގައެވެ.
ފައްޔާޒް ވިދާޅުވީ "އެމްޑީޕީ" މި ނަމަކީ ދިވެހިން ހަށި ފޮޅާލައި މިނިވަންވެގަތުމުގެ އޮއިވަރު އޮބި ނޯވެގެން އުފެދުނު ނަމެއް ކަމަށެވެ.
" އަބަދުވެސް ރާއްޖޭގައި އޮތީ މަތިން ތިރިއަށް ހިނގާ ވެރިކަމުގެ ނިޒާމެއް، ވާދަވެރި ސިޔާސީ ވިސްނުމެއް އޮތުމަކީ އޭރު އެންމެ ބޮޑު ކުށް އެއީ އެންމެ މީހަކު މުޅި އުމުރު ވެރިކަމުގައި ހުރުމަކަށް ހުރަހެއް ނެތް ދުވަސްވަރު، މިނިވަން މުއައްސަސާތަކާ އިންސާނީ ގަދަރާ ކަރާމާތުގައި އެއްވެސް އަގެއް ނެތް
އިންތިހާ ދަރަޖައިގެ ބޭ އިންސާފާ ލާއިންސާނީ އަނިޔާ ދިނުމަކީ އޭރު ދައުލަތުގެ ހައިބަތު" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ދޫނުދީ ކުރި މަސައްކަތުން އެ ޕާޓީއަށް 2008 ވަނަ އަހަރު ވެރިކަން ލިބުނު ނަމަވެސް ތިން އަހަރު ފަހުން އަނެއްކާވެސް މަގުމަތި ވީ ކަމަށާއި އަލުން ހަތް އަހަރު މަގުތައް މަތީ ގަނަތެޅެން ޖެހުނު ކަމަށެވެ.
" އެތައް އަހަރަކުން ނުވެ ދިގުލީ އެތައް ތަކުލީފެއްގެ އަގު 2018ގައި އެމްޑީޕީ އުފެއްދި ސަރުކާރުން ދިވެހި ރައްޔިތުންނަށް ލިބެން ފަށައިފި، އަސާސީ ހިދުމަތްތަކާ އިގްތިސާދީ ފުރުސަތު ހުޅުވިގެންދާ ކިތަންމެ މަޝްރޫއެއް މި ފަސް އަހަރު ގެނެވިއްޖެ
ސަބަބަކީ އެމްޑީޕީގެ ލޮބުވެތި މެންވަރުން ކުރި މަސައްކަތް" ފައްޔާޒް ވިދާޅުވިއެވެ.
މިއަދަކީ އެމްޑީޕީއަށް 18 އަހަރު ފުރި ޅަފަތުން އަރައިގަތް ދުވަސްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ 18 އަހަރު ފުރި އަމިއްލަ ފައިމައްޗަށް ތެދުވެ ދެކޮޅު ހޯދާ ބަލާލުމަށް އެމްޑީޕީއަށް ފުރުސަތު މި ލިބުނީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ފާއިތުވި ފަސް އަހަރު ހޯދުނު ކާމިޔާބީ ޒަމާންތަކަކަށް ދެމެހެއްޓޭނެ ގޮތަކީ އެކީ އެކަށް ނިކުމެ ރިޔާސީ އިންތިހާބުގައި ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް