ފްރާންސްގެ ރައްޔިތަކު 11 ގައުމެއް ހުރަސްކޮށް ބައިސްކަލުގައި ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކޮށްފިއެވެ.
މިކަން ކޮށްފައިވަނީ އުމުރުން 41 އަހަރުގެ ނަބީލް އެނަސްރީ ނަމަކަށްކިޔާ ފިރިހެނެކެވެ. ނަބީލަކީ މޮރޮކޯއަށް އުފަން ނަމަވެސް މިހާރު ފްރާންސްގެ ރައްޔިތެކެވެ.
ނަބީލްގެ ބައިސްކަލު ދަތުރާއި ގުޅޭގޮތުން އޭނާ ބުނެފައިވަނީ އޭނާގެ ބައިސްކަލު ދަތުރު ފެށީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު، ފްރާންސްގެ ޕެރިހުން ކަމަށެވެ. މި ދަތުރުގައި 11 ގައުމެއް ހުރަސްކޮށް 5000 ކިލޯ މީޓަރު ކަޑައްތުކޮށްފައިވާނެކަމުގައި ނަބީލް ބުނެފައިވެއެވެ.
ނަބީލް ބުނެފައިވަނީ އޭނާގެ މަގްސަދަކީ ކުރީގައި މުސްލިމުން ހައްޖަށް ދިޔަ ގޮތް ކޮންމެވެސް ސިފައެއްގައި ތަޖުރިބާކޮށްލުން ކަމަށާއި އަދި މޫސުމީ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުވުން ކަމަށެވެ.
ހަތް ގަޑިއިރުގެ ފްލައިޓެއްގައި ދަތުރުކޮށް ހައްޖަށް ދިއުމާއި 57 ދުވަހު ބައިސްކަލުގައި ހައްޖަށް ދަތުރެއް ކުރުމުން ކުރެވެނީ މުޅިން ތަފާތު އިހުސާސެއް ކަމުގައި އޭނާ ބުނެފައިވެއެވެ.
ނަބީލް ބައިސްކަލުގައި ހައްޖަށް ގޮސްފައިވާއިރު އިންޑިއާއަށް ނިސްބަތްވާ ރައްޔިތަކު ވަނީ ފައި މަގުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީއަށް ދަތުރުކޮށްފައެވެ. އިންޑިއާއިން ދަތުރުފެށި މީހާ ހައްޖަށް ގޮސްފައިވަނީ އެއް އަހަރުގެ ދުވަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް