މި އަހަރުގެ ހައްޖުގެ އަޅުކަމަށް އިއްޔެއާއި ހަމައަށް 1.8 މިލިއަން ހައްޖު އީ-ވިސާ ދޫކޮށްފައިވާކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.
ސައޫދީއ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ހައްޖުގެ ތައްޔާރީތަކާއިބެހޭ އެންމެ ފަހުގެ އަދާހަމަތައް ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މި އަހަރުގެ ހައްޖުގެ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމުގައި ހެދުމަށް މައިގަނޑު ތިން ކަމަކަށް ފޯކަސް ކުރަމުން އަންނަ ކަމަށެވެ. އެއީ ސަލާމަތީ ކަންކަމާއި ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އަދި ހައްޖުވެރިންގެ ސިއްހަތު ކަމުގައި ބުނެފައިވެއެވެ.
މީގެ ދެ އަހަރު ކުރިން ކޮވިޑާއި ގުޅިގެން ހައްޖު ފުރުސަތުގެ އަދަދު އިންތިހާއަށް މަދުކުރަންޖެހުނުކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނެފައިވަނީ އޭރު އެ އަދަދު 60 ހާހަށް ދަށް ކުރެވި ހަމަ އެކަނި ސައޫދީގައި ތިބި މުސްލިމުންނަށް އެ ފުރުސަތު ދެވުނު ނަމަވެސް މި އަހަރުގެ ހައްޖުގެ އަޅުކަން މުޅި ދުނިޔެއަށް ހުޅުވާލެވި ކުރިއެކޭ އެއްފަދައިން ކަންކަން އަލުން ރުޖޫއަ ކުރެވިފައިވާކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން ދެ މިލިޔަނަށްވުރެ ގިނަ މީހުން އަދާކުރާނެކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް