ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ ދީނާ ހިލާފުކަމެކޭ، މި ބާވަގުތެ ވާހަކަ ދައްކަންޏާ އަޅުގަނޑުމެންނަށް މި ދެވެނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީއަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕާޓީއަށް 17 އަހަރުވާއިރު އަޅުގަނޑުމެން އަނެއްކާވެސް މި ގޮސް ހުއްޓެނީ ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު އެބަ އޮތް ހަރާމުގެ މަގަށް އެނބުރެވެން، އަދި އަޅުގަނޑުމެންނަށް އެބަ އޮތް ސަލާމަތުގެ އައްސޭރިއަށް ދެވެންވެސް
ޒަމާނުއްސުރެ މި ދިވެހިރާއްޖޭގައި ރައްޔިތުން ދިރިއުޅެމުން އައި ގޮތާ، އެމީހުން ގަބޫލުކުރަމުން އައި ފަލްސަފާޔާއި، އަދި އެމީހުންގެ ދީނީ އަގީދާޔަކީ އެއްވެސް ހާލަތެއްގައި ބައެއްގެ ސިޔާސީ ބޭނުމަށް ބަދަލުކުރެވިގެންވާނެ އަގީދާއެއް ނޫން. ގޮތްގޮތް ހެދިގެންވާނޭ ކަންކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފް ކަމެކޭ މި ބާވަތުގެ ވާހަކަ ދައްކާ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވަން ފަށައިނަމަ ދެން އަޅުގަނޑުމެން މިދަނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހަލާކުގެ އައްސޭރިއަށް ދިޔަ ގައުމުތައްވެސް ފެނިއްޖެ ކަމަށާއި ބާކީވެ އެކަހެރިވެގެންދިޔަ ގައުމުތައްވެސް ފެނިއްޖެ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ގައުމު އެ ހާލަތަށް ދިއުމަށް ޖާގަދެވިގެންނުވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ ރާއްޖެއެއް ހޯދައިދިނުމަކީ މި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަބަދުވެސް އަމާޒު ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ މަގްސަދު ހާސިލުކޮށްދޭނެ ޕާޓީއަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި އެމްޑީޕީ ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތަައް ހަގީގަތަށް ހަދަދިނުމުގައި ފަހަތަށް ނުޖެހޭނެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް