މާލެ ސަރަަހައްދުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

މާލެ ސަރަހައްދުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިކަން އިއުލނު ކުރީ މިއަދި ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވ...

26 Jun 2022 | 11:05

މާލެ ސަރަހައްދުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިކަން އިއުލނު ކުރީ މިއަދި ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ފްލެޓަށާއި ގޯއްޗަށް ކުރިމަތި ލެވޭނީ މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާހު ކުރި "ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ދޫކުރާ3،000 ގޯތި ދޫކުރާނީ ހުޅުމާލެ އާއި ގުޅީ ފަޅުން ކަމަށެވެ. އަދި4،000 ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިން ކަމަށެވެ.

އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން އެ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ތަނެއް ނެތް ނުވަތަ 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް ވާރުތަވާން އޮތް މީހުންނާއި 600-1000 އަކަފޫޓާ ދެމެދުގެ ބިމެއް ވާރުތަވާން އޮތް މީހުންނަށް ހަ ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ސްކީމުގައި ވަކި ފަރުދެއްގެ ގޮތުގައި ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ގޯތި މާލޭ މީހުންނަށް ހާއްސަކޮށްފައި ވީނަމަވެސް މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ ނަމަ ފްލެޓަށް ކުރިމަތިލެވެ އެވެ.

އަސްލަމް ވިދާޅުވީ އަތުގައި އޮތް ބިންކޮޅު ދޫކޮށްލުމަކީ ލާޒިމުކަމެއް ނޫން ކަމަށާއި އެ ބިން ދޫކޮށްލާފައި އެ ބިމުގެ އަގުން ފްލެޓަށް ޖެހޭ އަގުގެ ބައެއް އުނިކުރެވިދާނެ ކަމަށެވެ.

ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާއި ހަމައަށެވެ.

އެ ޕްރޮގްރާމަކީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގެންނެވި ވައުދުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް