ދައުރު ކުރަމުންދާ ވާހަކައިގަ ހަގީގަތެއް ނެތް: ސަލީމް

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ދައުރު ކުރަމުންދާ ވާހަކައިގަ އެއްވެސް ހަގީގަތެއް ނެތް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވެއްޖެ އެވެ. ސަލީމް އެހެނ...

26 Jun 2022 | 08:42

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ދައުރު ކުރަމުންދާ ވާހަކައިގަ އެއްވެސް ހަގީގަތެއް ނެތް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް އެހެން ވިދާޅުވީ، މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން އޭނާ ފެންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ސަލީމް ވިދާޅުވީ، އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މެންބަރަކަށް ވާއިރު، އޭނާ އަށް ރައްދުވާ ގޮތަށް އިސްމާލްދީނުގައި ހަރާން ކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަން ޖެހޭ ކަމަށެވެ.

އަދި އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނަ އެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި އެ މީހަކާއެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އެހެން ކަމުން އެފަދަ ކަމެއް ހިނގި ކަމަށް ބުނާ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.

ސަލީމްގެ ސިޓީގައި ވަނީ އޭނާއާ މެދު ތުހުމަތު ކުރާ ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެ ނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ތަހުގީގު ކުރުމަށް ފަހު އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލް މައުލޫމާތު އާންމުކޮށް ހިއްސާކުރަން ވެސް ސަލީމް އެދިވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް