ވ. އާރަށުގެ މައްސަލަ: މިއަދު ބާއްވަން އޮތް ރައީސް ޔާމީން ގެ ޝަރީޢަތް ކެންސަލް ކޮށްފި

ވ. އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޢައްޔޫމުގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ މިއަދު ބާއްވަން ތާވަލުކުރި އަޑު އެހުން ކެންސަލް ކޮށްފިއެވެ. މިއަދުގެ ހެނދުނު 9:30 ގައި ބޭއްވުމަ...

26 Jun 2022 | 08:00

ވ. އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޢައްޔޫމުގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ މިއަދު ބާއްވަން ތާވަލުކުރި އަޑު އެހުން ކެންސަލް ކޮށްފިއެވެ.

މިއަދުގެ ހެނދުނު 9:30 ގައި ބޭއްވުމަށް ތާވަކުކުރި މިމައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މިމައްސަލާގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ ވަކީލުން ބަލިވެ އުޅޭތީ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދުމުންނެވެ.

މި މައްސަލާގައި ދައުލަތުގެ ފަރާތުން 13 ހެއްކަކު ހުށައަޅާފައިވާއިރު، ދިފާއުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ހަތް ހެކިންނެވެ.

މިމައްސަލާގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކަކީ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ. މައްސަލަ ބައްލަވާ ގާޟީ ވިދާޅުވީ މި މައްސަލާގައި ހުށައަޅާފައިވާ ހެކިންގެ ހެކިބަސްތައް މިމަހު ނަގާ ނިންމުމަށް ތާވަލުކުރައްވާނެ ކަމަށެވެ. އަދި މިމަހުގެ 30 ގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަން ގަސްތުކުރައްވާކަމަށް ގާޟީ ވިދާޅުވިއެވެ.

ހެއްކާއި ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާ މައްސަލައިގެ ޚުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށައަޅަން ތާވަލުކުރަން ގާޟީ ނިންވާފައިވާއިރު، އޭގެ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވާނެކަމަށް ވެސް ގާޟީ ވަނީ ވިދާޅުވެފައެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް