ރޮނާލްޑޯ ވިއްކާލަން ބޭނުން ނުވާކަން ޔުނައިޓެޑުން ހާމަކޮށްފި

ކްރިސްޓުއާނޯ ރޮނާލްޑޯ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑުން ބުނެފިކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ޔުނައިޓެޑާއި ހަވާލާދީ އި...

26 Jun 2022 | 07:35

ކްރިސްޓުއާނޯ ރޮނާލްޑޯ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑުން ބުނެފިކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ޔުނައިޓެޑާއި ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނެފައިވަނީ ރޮނާލްޑޯ އަކީ ޔުނައިޓެޑަށް އެ ކުލަބުގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ކުލަބުގައި މަޑުކުރުން އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށާއި އެހެން ކަމުން ރޮނާލްޑޯ އިތުރު ކުލަބަކަށް  ވިއްކާލުމުގެ އެއްވެސް ޝައުގުވެރިކަމެއް ކުލަބުން ނުގެންގުޅޭ ކަމަށެވެ. އަދި ރޮނާލްޑޯގެ އެއްބަސްވުމާއި އެއްގޮތަށް އަންނަ ސީޒަނުގެ ނިޔަލަށް އޭނާ ކުލަބުގައި މަޑުކުރާނެ ކަމަށް ވެސް ޔުނައިޓެޑުން ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އިނގިރޭސި މީޑިއާތަކުން މި މޭރުމުން ވާހަކަ ދައްކާފައިވީ ނަމަވެސް ރޮނާލްޑޯ ކުލަބުގައި މަޑުކުރަން ބޭނުން ނުވާނަމަ އޭނާ ދޫކޮށްލަން ޔުނައިޓެޑުން ތައްޔާރަށް އޮތް ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގު ކުލަބުގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނެފައިވަނީ ރޮނާލްޑޯ ކުލަބު ދޫކޮށް ދާން ބޭނުންވާ ކަމުގައިވަނީ ނަމަ ކުލަބުން އޭނާ ނުހިފަހައްޓާނެ ކަމަށެވެ.

އުމުރުން 37 އަހަރުގެ ފޯވާޑް ވިއްކުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމުގައި ޔުނައިޓެޑުން ބުނާއިރު، ރޮނާލްޑޯ ކުލަބު ދޫކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑުތައް ވެސް ވަނީ މީޑިއާގައި ގަދަވެފައެވެ. އެގޮތުން ފާއިތުވި ހަފްތާގައި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭސް ޗެލްސީ އާއި ބަޔާން މިއުނިކް ފަދަ ކްލަބުތަކާ ބައްދަލުކޮށް ވާހަތައް ދައްކާފައިވާ ކަމުގެ ޚަބަރުތައް ވެސް މީޑިއާގައި ވަނީ ފެތުރިފައެވެ.

ނިމިގެންދިޔަ ސީޒަނަކީ ރޮނާލްޑޯއަށް ބަދުނަސީބާއި ކުރިމަތިލާން ޖެހުނު ސީޒަނަކަށް ވާއިރު، ޔުނައިޓެޑު ނިމިގެން ދިޔަ ސީޒަން ނިންމާލީ ހުސްއަތާއެވެ. އެހެނީ އެ ކުލަބަށް އެންމެ ކުޑަވެގެން ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު ކުޅެލުމުގެ ފުރުސަތުވެސް ވަނީ ނުލިބިފައެވެ. އެއީ ރޮނާލްޑޯގެ އެންމެ ބޮޑު މާޔޫސް ވުން ކަމަށް ވަނީ ބެލެވިފައެވެ.

ޔުނައިޓެޑުގެ ހާލަތު ގޯސްވެ ނިމިގެން ދިޔަ އަހަރުގެ ފަހު ކޮޅު އޭރު އޭރު ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރި އޮލިގަނަ ސޮލްޝެއާ ކޯޗު ކަމުން ވަކިކޮށް އެމަޤާމަށް ރަލްފް ރަންގްނިކް ގެނައުމުން ވެސް ޔުނައިޓެޑުގެ ހާލަތު ބަދަލު ކޮށް ނުލެވުނެވެ. ބައެއް ފަރާތަކުން ދެކޭ ގޮތުގައި ރަންގްނިކް ކުލަލަބާއި ހަވާލުވުމުން ކުލަބަށް ވެރިވެގެން ދިޔައީ އިތުރު މާޔޫސް ކަމެކެވެ. ހާލަތުވީ އިތުރަށް ގޯހެވެ.

ރަންގްނިކް އާއި އެކުވެސް ޔުނައިޓެޑަށް ކާމިޔާބީތަކެއް ނުހޯދުނުއިރު، އެ ކުލަބު ނިމިގެން ދިޔަ ސީޒަން ނިންމާލީ ޕްރިމިއާ ލީގުގެ ހަވަނާގައި އޮވެގެންނެވެ. އެހެން ކަމުން އަންނަ ސީޒަނުގައި ޔުނައިޓެޑު ފެނިގެން ދާނީ ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތެއް ކަމުގައިވާ ޔޫރޮޕާ ލީގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް