ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށާއި އެ ކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ގޮވާލާފައި ވާކަން ހާމަވެއްޖެއެވެ.
ޔޯގާ އަކީ އިސްލާމީ ޝަރީއަތާއި ހިލާފުކަމެއް ކަމުގެ އަޑުގަދަވެފައި މިވަނީ ޔޯގާ ދުވަސް ފާހަގަކުރަން ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
އެގޮތުން އެ ހަރަކާތުގެ ހަފުތާއެއްހާ ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި މި ވަނީ ދައުރުވާން ފަށާފައެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން މި މަހުގެ 15 ގައި ސީޕީ ހަމީދަށް ފޮނުވި ސިޓީގައި ބުނީ، މެޑިޓޭޓު ކުރަން ނުވަތަ ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ހަދަމުންދާ ކަމަށާއި އެއީ މުސްލިމުންގެ މައްޗަށް ހަރާމް ކޮށްފައިވާ ކުޅިވަރެއް ކަމަށް މިސްރާއި މެލޭޝިއާގެ ފަތުވާ ދޭ މަޖިލީހުން ފަތުވާ ނެރެފައިވާ ކަމަށެވެ.
އަދި އެއީ ހިންދޫންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަން ދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކު ހިމެނޭ ހަރަކާތެއް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށް ވާތީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ނެގެހެއްޓުމަށްޓަކައި ޔޯގާ ފަދަ ހަރަކާތްތައް ބާއްވާ މީހުން ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތައް އަޅަން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ގޮވާލާފައި ވާނަމަވެސް ޔޯގާ ހަރަކާތް ހުއްޓުވަން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީ އިންޒާރު ދީފައި ވެއެވެ. އެހެންކަމުން ފުލުހުން ވަނީ އެ މައްސަލާގައި މިހާތަނަށް 11 މީހަކު ހައްޔަރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް