ތިމާވެށި ހިމާޔަތްކުރުމުގައި އަންހެނުންނަށް އަދާކުރެވިދާނެ ދައުރު ބަޔާންކޮށް ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)އާއި އެޓޯލް މެރިން ކޮންސަރވޭޝަން އަދި މެންހެޓަން ބިޒްނަސް ހޮޓެލް ގުޅިގެން ޕްރޮގްރާމެއް އިންތިޒާމުކޮށްފިއެވެ.
"ރޯލް އޮފް ވިމެން އިން އެންވަޔަރަމަންޓަލް ކޮންޒަވޭޝަން" ގެ ނަމުގައި މެންހެޓަން ބިޒްނަސް ހޮޓެލްގައި ކުރިއަށްދިޔަ މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ އޮސްޓްރޭލިއާގެ މެރިން ބަޔޮލޮޖިސްޓެއްކަމުގައިވާ ކެއިލާ ރޯވް އާއި އިޓަލީގެ ވެޓެރިނޭރިއަނެއްކަމުގައިވާ ނަޓާސިޔާ މެނިންނާއެވެ.
70 މީހުން ބައިވެރިވި މި ޕްރޮގްރާމްގައި ތިމާވެށި ހިމާޔަތްކުރުމުގައި އަންހެނުންނަށް އަދާކުރެވިދާނެ ދައުރާއި ކަނޑާއި، އެއްގަމުގައި ދިރިއުޅޭ ބައެއް ބާވަތްތަކުގެ ދިރުންތަކާގުޅޭ މަޢުލޫމާތު ބައިވެރިންނަށް ދެވިފައިވެއެވެ.
މީގެ އިތުރުން އެތަކެއްޗަށް ގެއްލުންދިނުމުން، އެ ކަމުގެ ސަބަބުން އަންހެނުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ލިބިދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޢުލޫމާތު ދެވިފައިވެއެވެ. އަދި މިޔަރު، ވެލާ އަދި ބުޅަލުގެ އަބާދީއާއި އެ ތަކެތި ރައްކާތެރިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވިފައިވެއެވެ.
މި ޕްރޮގްރާމް އިންތިޒާމުކުރެވިފައިވަނީ ވިލު ރެސްޓް ހޮޓެލް، ހާފް ޕްރައިޒް އަދި ވަލް ކަލެކްޝަންގެ އެހީތެރިކަމާއެކުގައެވެ.
އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި އުފެދުނު ބީ.ސީ.އެމް ޖަމުޢިއްޔާގެ ފަރާތުން އަންނަނީ އަންހެނުންނަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތައް އިންތިޒާމުކުރަމުންނެވެ.
އޭގެ ތެރޭގައި އަންހެނުންނަށް ސެލްފް ޑިފެންސް ޓްރޭނިންގއާއި އަންހެނުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ހިންގޭ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް