ހިޔާ ފްލެޓްތަކުގެ ކުލި ގުނަން ފަށާނީ ކަރަންޓްގެ ޚިދުމަތް ދޭ ހިސާބުން: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވުމަށް ތަރައްގީކުރި "ހިޔާ ފްލެޓްތަކުގެ"  ކުލި ގުނަން ފަށާނީ އެ ފްލެޓްތަކަށް ކަރަންޓްގެ ޚިދުމަަތްދޭ ހިސާބުންކަމަށް އެޗްޑީސީން ބުނެފިއެވެ. ފްލެޓްތަކުގެ ކުލި ގުނ...

26 Jun 2021 | 09:48

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވުމަށް ތަރައްގީކުރި "ހިޔާ ފްލެޓްތަކުގެ"  ކުލި ގުނަން ފަށާނީ އެ ފްލެޓްތަކަށް ކަރަންޓްގެ ޚިދުމަަތްދޭ ހިސާބުންކަމަށް އެޗްޑީސީން ބުނެފިއެވެ.

ފްލެޓްތަކުގެ ކުލި ގުނަން ފަށާނީ ކަރަންޓް ދޭ ހިސާބުންކަމަށް އެޗްޑީސީން ބުނީ، ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ފްލެޓުތައް ބަލާލުމުގެ ފުރުސަތު މިއަދު ހުޅުވާލުމަށްފަހުއެވެ.

އެޗްޑީސީން ބުނީ ފްލެޓްތައް ދައްކާލަން ނިންމީ ގިނަބަޔަކު އެކަމަށް އެދެމުން ދިއުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފްލެޓު ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ކޮންމެ ދުވަހަކުވެސް 4 ދަންފަޅިއަކަށް ބަހާލައިގެން ފްލެޓުތައް ދައްކާލުމުގެ މަސައްކަތްކުރަމުން އަންނަނީ އެޗްޑީސީގެ މުވައްޒަފުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވީ އެކި ސަބަބުތަކާއި ހެދި ފްލެޓުތައް ޙަވާލުކުރުން ލަސްވުމާއި ގުޅިގެން ފްލެޓުތަކުގެ ފިނިޝިންގައި ހުރި މަސައްކަތް އަމިއްލައަށް ނިންމުމަށްޓަކާ ބަލަން ބޭނުންވާނެ ކަންކަން ބަލާ އަންދާޒާތައް ހެދުމަށް ދެވުނު ފުރުސަތެއް ކަމަށެވެ.

ސުހެއިލް ވިދާޅުވީ ފްލެޓްތަކުގެ ވެރިންނަށް އަންނަ މަހުގެ 14 ވަނަ ދުވަހު ތަޅުދަނޑި ޙަވާލުކުރާއިރު އެތަނުގައި ކަރަންޓް ލިބެން ހުންނާނެކަމަށް ކޮންޓްރެކްޓަރ ހާމަކުރައްވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ސަބަބެއް މެދުވެރިވެގެން ކަރަންޓް ފޯރުކޮށް ނުދެވޭނަމަ ފްލެޓްތަކުގެ ކުލި ނަގާ މުއްދަތު ގުނަން ފަށާނީ ކަރަންޓް ލައިދެވޭ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ އެންމެ ލަސްވެގެން ޖުލައިމަހުގެ ނިޔަލަށް ކަރަންޓްގެ މައްސަލަ ޙައްލުވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް