ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ އެދުވަހު 10 ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" ވެދުވެރިކޮށް ކަމަށެވެ.
ބީއެމްއެލްއިން ވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.
ބީއެމްއެލްއިން ބުނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން 13 ޖުލައި ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރާ ހިއްސާދާރުންނަށް އެކަނިކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީވުމަށް އެދޭ ފޯމު ބީއެމްއެލްއަށް ހުށައަޅައިގެންވެސް ރަޖިސްޓްރީ ވެވޭނެއެވެ. ހިއްސާދާރުންގެ ބަދަލުގައި އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެހެން ފަރާތެއް ފޮނުވާނަމަ ޕްރޮކްސީ ފޯމު ޖަލްސާ ފެށުމުގެ 48 ގަޑިއިރުކުރިން ހުށައަޅަން ޖެހެއެވެ.
އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެއެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބަހަން ހުށައެޅުމަށެވެ.
މީގެއިތުރުން މިއަހަރަށް ކުންފުނީގެ އޮޑިޓަރަކު އައްޔަންކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުން އަހަރީ އާންމު ޖަލްސާގައި އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް