ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިކަން ފެށުމަށް މިއަދު ހެނދުނު ބޭއްވި، ދިދަނެގުމުގެ ރަސްމިއްޔާތަށް ރައީސް ޞާލިހް ހާޒިރުވެވަޑައިނުގަތީ ކަރަންޓީންގައި ހުންނެވުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ، ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައި ނުގެންނެވީ، ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު (އަހުމަދުބޭ)ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދުބާއި އަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެނބުރި މާލެ ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނެވީމަ ކަމަށެވެ.
މިއަދު ފަތިހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޕާޓީގެ އިސްބޭފުޅުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާމުގެ ނައިބު ފައިސަލް ނަސީމް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަތެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެއްތަނަކަށް ގިނަ ބަޔަކު އެއްވުން މަނާކޮށްފައިވަތީ ދިދަ ނެންގެވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ނައިބް ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. އެމްޑީޕީ އަށް ނިސްބަށްވާ މޭޔަރުންގެ އިތުރުން ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ވާޗުއަލްކޮށް އެ ހަރަކާތުގައި ބައިވެރިވެވަަޑައިގެން ޝުއޫރު ފާޅުކޮށްފައެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތު ހެނދުނު ނިންމާލި އިރު، ޕާޓީގެ މެންބަރުންގެ ޝުއޫރު ފާޅުކުރުމަށް މިއަދު ހަވީރު ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި މި ވަގުތު ޖަރުމަނުގައި ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ވީޑިއޯ މެސެޖެއްް ދިނުމަށް ހަމަޖެހިފައި ވެއެެވެ.
މީގެ އިތުރުން ކްލަބް ހައުސް މަންސައިގައި އެމްޑީޕީގެ ހަރުގެ އިފްތިތާހު ކުރުންވެސް އޮންނާނެއެވެ. މި ހަރަކާތްތައް ކުރިއަށް ދާނީ މި މަސް ނިމެންދެނެެވެ. ހަރަކާތުގެ ތެރޭގައި ޕެނަލަ ޑިސްކެޝަން އާއި ގްރާސް ރޫޓްގެ އަޑު އިއްވުމުގެ ހާއްސަ ފޯންކޯލްތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.
މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އަދި މިހާރު، އެމްޑީޕީއަކީ 48،990 މެންބަރުންނާއެކު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް