16 އަހަރު ވިޔަސް އެމްޑީޕީ އޮތީ ފެތިފަ، ކިޔަންވީ މަރުހަބާތޯ، ތައުޒިޔާތޯ؟: މެމްބަރު ޝިޔާމް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު 16 އަހަރު ވުމުން ކިޔަންވީ މަރުހަބާތޯ ނުވަތަ ތައުޒިޔާތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފި އެވެ. މެމްބަރު ޝިޔާމް މިހެން ވިދާޅުވީ ...

26 Jun 2021 | 08:39

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު 16 އަހަރު ވުމުން ކިޔަންވީ މަރުހަބާތޯ ނުވަތަ ތައުޒިޔާތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފި އެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

އިދިކޮޅު މައި ޕާޓީގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމްގެ ޓުވީޓުގައި ފެންނަނީ މާލޭ ލޮނުޒިޔާރަތް ކޮޅުގައި މީގެ ކުރިން ނަގާފައިވާ އެމްޑީޕީގެ ދިދައެއް ވަރަށް ބޮޑަށް ހަލާކުވެފައި ހުންނަތަނެވެ. އޭނާގެ ޓުވީޓު ކޮށްފައިވަނީ އެ ދިދަ އާއި ގުޅުވައި ދިވެހި ހަރު ބަސްތަކެއް ބޭނުން ކުރައްވައިގެންނެވެ.

ޝިޔާމް ވިދާޅުވީ ކަނޑުގަދަވެ ވައިޖެހެމުންދިޔަ ކޮޅަށް ފެތުނު އޮޑިއަށް އެރި ފަޅުވެރިން ގިނަ މަޑުލުން ދިޔަ ހިލުވާލި ކަމަށެވެ. އޭނާ ވިދާޅުވީ އެ އޮޑިން ފައިބަން ޖެހުނީ ފެތެމުން ދަނިކޮށް އޮޑިއަށް އެރި އަހުލުވެރިން ކަމަށެވެ.

ހަސަނުދެފައި މުޅި އޮޑި ފުރާލައި ދިޔަ މަތަނުކުރެވި އޮޑީގެ އަސްލު ގެއްލިއްޖެ ކަމަށް އޮޑީގެ އަހުލުވެރިން ބުނަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެން ކަމުން އެމްޑީޕީއަށް 16 އަހަރުވެ ބޮޑުވިޔަސް އޮޑި އޮތީ ފެތިފައި ކަމަށާއި ކިޔަންވީ މަރުހަބާތޯ ނުވަތަ ތައުޒިޔާތޯ މެމްބަރު ސުވާލު ކުރައްވާފައިވެ އެވެ.

https://twitter.com/Shiyamaldives/status/1408673817916960771

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު މިފަހަކަށް އައިސް ވަރަށް ބޮޑަށް ފާޅުވަމުންދާއިރު ޕާޓީގެ އިސްވެރިންގެ ތެރެއިން އެއް ބަޔަކު ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި އަނެއް ބަޔަކު ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެއްކޮށެވެ.

އޭގެ ތެރެއިން ޕާޓީގެ ތެރޭގައި ބާރުގަދައީ ނަޝީދެވެ، ޝިޔާމްގެ ޓުވީޓުގައި މުޅި އޮޑީގައި ހަސަނުގެ ދެފައި އޮތް ކަމަށް ވިދާޅުވެފައި އެވަނީ ނަޝީދަށް ނިސްބަތްކޮށް ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް