ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ވުޖޫދަށް އައިތާ، 16 އަހަރު ފުރުން ފާހަގަކުރުމަށް ދިދަނަގައި، އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފިއެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެއްތަނަކަށް ގިނަ ބަޔަކު އެއްވުން މަނާކޮށްފައިވަތީ ދިދަ ނެންގެވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ނައިބް ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. އެމްޑީޕީ އަށް ނިސްބަށްވާ މޭޔަރުންގެ އިތުރުން ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ވާޗުއަލްކޮށް އެ ހަރަކާތުގައި ބައިވެރިވެވަަޑައިގެން ޝުއޫރު ފާޅުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސްުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަންނަވައެވެ. އަދި ގިނަ އަދަދެއްގެ ވަޒީރުން ވެސް ވަނީ ރަސްމިއްޔާތަށް ހާޒިރުވެވަޑައިގެންފައި ނުވެއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތު ހެނދުނު ނިންމާލި އިރު، ޕާޓީގެ މެންބަރުންގެ ޝުއޫރު ފާޅުކުރުމަށް މިއަދު ހަވީރު ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި މި ވަގުތު ޖަރުމަނުގައި ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ވީޑިއޯ މެސެޖެއްް ދިނުމަށް ހަމަޖެހިފައި ވެއެެވެ.
މީގެ އިތުރުން ކްލަބް ހައުސް މަންސައިގައި އެމްޑީޕީގެ ހަރުގެ އިފްތިތާހު ކުރުންވެސް އޮންނާނެއެވެ. މި ހަރަކާތްތައް ކުރިއަށް ދާނީ މި މަސް ނިމެންދެނެެވެ. ހަރަކާތުގެ ތެރޭގައި ޕެނަލަ ޑިސްކެޝަން އާއި ގްރާސް ރޫޓްގެ އަޑު އިއްވުމުގެ ހާއްސަ ފޯންކޯލްތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.
މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އަދި މިހާރު، އެމްޑީޕީއަކީ 48،990 މެންބަރުންނާއެކު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއެހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ. އެގޮތުން އެތެރޭގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެކަމާއެކު، ދިވެހިރާއްޖެއަށް ޑެމޮކްރެޓިކް ޙަރަކާތްތެރިކަން ގެނުވައި، އިސްލާޙީ ބަދަލުތައް ތަންފީޒުކުރުމަށް އޭރުގެ ސަރުކާރުގެ މައްޗަށް އެމްޑީޕީއަށް ނުފޫޒުފޯރުވުނެވެ.
ޖަނަވަރީ 2005 ގައި ބޭއްވުނުް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެކަން އާންމުކޮށް އިއުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އަދި ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި ދޫނުދީ، އެކަން ހަމަނުޖެހެނީސް ހޯމް މިނިސްޓްރީގެ އޮފީހުން ނުނިކުމެ، ސުލްޙަވެރިކަމާއެކު އިށީނދެތިބެ ކުރި ހިތްވަރުން، 23 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނެވެ.
2005 ވަނަ އަހަރު އުފެދުނު، ދިވެހި ރައްޔިތުންގެ ޕާޓީގެ މަޤްޞަދުތަކަކީ ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކޮށް ޙިމާޔަތްކޮށް، ދިވެހި ޒުވާނުންނަކީ ރަނގަޅު އަޚްލާޤެއްގެ ޤައުމަށް ފައިދާހުރި ހުނަރުވެރި ބަޔަކަށް ހެދުމެވެ. އަދި، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުން ވަރުގަދަ ކުރުމާއި، ޢަދުލު އިންޞާފުގެ ދާއިރާ ވަރުގަދަކުރުމާއި، ދިވެހި މުޖްތަމަޢަކީ ދިވެހިން ބޭނުންވާ ގޮތަށް ކަންތައްތައް ބައްޓަންކުރާ މުޖްތަމަޢަކަށްވުން އެއީ މިޕާޓީން ޙާސިލުކުރަން ބޭނުންވާ މުހިންމު މަޤްސަދުތަކެކެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަކީ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ހެދުމާއި، ހިޔާވަހިކަމާއި ތަޢްލީމާއި ޞިއްޙަތާއި އަދި އެހެނިހެންވެސް އަސާސީ ޚިދްމަތްތައް ފަސޭހަކަމާއެކު އެންމެހާ ރައްޔިތުންނަށް ލިބޭނެ ގޮތްތައް ތަނަވަސްކުރުމާއި، ދިވެހިރާއްޖޭގައި ތަޅާފޮޅުމެއްނެތި ހަމަޖެހުމާއެކު ޤައުމުގެ ކަންތައްތައް ހިންގާނޭ ހުނަރުވެރި ޒުވާން ޖީލުތަކެއް ހިންގުމުގެ ދާއިރާއަށް ތަޢާރުފްކޮށް، ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރި ކުރުމަށް ސާބިތު ޚިދްމަތްތެރިންތަކެއް ތައްޔާރުކުރުންވެސް މިޕާޓީގެ މަޤްސަދުތަކުގައި ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް