ނަފުރަތުގެ ބިލުން ބިދޭސީން ރާއްޖޭގައި ހިންގާ ދީނާ ދެކޮޅު ކަންކަން ހިމާޔަތް ކުރޭ: ޑރ. ޖަމީލް

އިސްލާމް ދީނުގެ ދިފާއުގައި ނަފުރަތުގެ ކުށް ފާހަގަކޮށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާ...

26 Jun 2021 | 06:26

އިސްލާމް ދީނުގެ ދިފާއުގައި ނަފުރަތުގެ ކުށް ފާހަގަކޮށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޮތް އިރު އެ ކޮމިޓީން މަސައްްކަތް ކުރަމުން ދަނީ އަންނަ ހޯމަ ދުވަހުގެ ކުރިން ކޮމިޓީ މަރުހަލާގައި ބިލުގެ މަސައްކަތް ނިންމާލުމަށެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުރުތައްަދުވުމުން މުސްލިމުންގެ ތެރޭގައި އެ ކުށަށް އަދަބު ދެވޭ ކަމަށެވެ. އެކަމަކު އިސްލާމްކޮށް ދޫކޮށް، ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހުންގެ އަމަލުތައް ނަފުރަތުގެ ބިލުން ހިމާޔަތް ކުރެވޭ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި ވަޒަންވެރިވެ ތިބޭ ބިދޭސީން އިސްލާމް ދީނާއި ދެކޮޅަށް ހިންގާ އަމަލުތައްވެސް އެ ބިލުން ހިމާޔަތް ކޮށްދޭ ކަމަށެވެ. އެހެންވެ ބިލާ ދެކޮޅަށް ތެދުވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

https://twitter.com/MJameelAhmed/status/1408665443099811842

މި ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ އިސްލާހު ފޮނުވާފައި އެވެ. މިހާތަނަށް އެ ކޮމިޓިއަށް ހިޔާލު ފޮނުވާފައި ނުވަނީ ޕީޖީ އޮފީހުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީންސުރެ ދީނީ އިލްމުވެރިންނާއި ގިނަ އާންމުން ދަނީ ބިލާއި ދެކޮޅު ހަދަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ ބިލުގެ ސަބަބުން އިސްލާހު ދީނަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތްވެ ކީރިތި ރަސޫލާއަށް ފުރައްސާކޮށް އިސްލާމް ދީނަށް ފުރައްސާ ކުރުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް