ކުރީގެ ރައީސުްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ނިރުބަވެރި ހަމަލާއަކީ "އޮޅުވާލުމެއް" ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގޮވާލައްވައިފިއެވެ.
އިންތި މި ކަމަށް ގޮވާލެއްވީ، ދިވެހި ރައްޔިތުންގެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މީސްމީޑިއާގައި ފާޅުކުރާ ބައެއް ޝުއޫރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އިންތި ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ސީރިއަސްކަން ކަނޑާލަން އެމްޑީޕީއާއި ނަޝީދުގެ ވާދަވެރިންތަކެއް މަސައްކަތް ކުރަމުން ގެންދާނެ ކަން އެ ޕާޓީގެ އާންމު މެންބަރުން އަބަދުވެސް ސަމާލުވެ ތިބެން ޖެހޭނެ ކަމަށެވެ.
އިންތި ވިދާޅުވީ، މިހާރު ވެސް އެމަނިކުފާނުގެ ފުރާނަ ދުއްވާލަން ބޮޑު ހަމަލާއެއް ދީފައިވާ މި ދަނޑިވަޅުގައި އެއީ އޮޅުވާލުމެއް ނޫނީ ޑްރާމާ އެއް ކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގައި ދޮގު ބުހުތާނު ވާހަކަތައް ދައްކަމުންދާ ކަމަށެވެ.
"ޓްވީޓެއްގައި، ރައީސް ނަޝީދަށް ދިން ހަމަލާ، އެއީ ޑްރާމާއެކޭ، ގޮއްވާލީ ކުޑަކުޑަ ފުއްޕާ ހަމެކޭ، މިހެން ލިޔެފަ އޮތް،،" ކަންބޮޑުވުމާއެކު އިންތި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީއަށް 16 އަހަރު ފުރޭއިރު، އެ ޕާޓީގެ އަހަރީ ދުވަސް ވެސް ރަމްޒު ކޮށްދޭން ޖެހޭނީ ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަަށް ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އަމާޒު ކުރާ ފުރައްސާރައާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ތެދުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިނީ މި ދިޔަ މޭ މަހުގެ ކުރީ ކޮޅުއެވެ. މޭ މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ހަމަލާދީފައި ވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އެރުއްވުމަށް ވަޑައިގަންވަނިކޮށް މަގުމަތީގައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެންނެވެ.
ސިފައިން ވިދާޅުވީ ގޮވީ ބާރުގަދަ ގޮވުމެއް ކަމަށައީ އެއީ ގިނަ އަދަދެއްގެ ރޭޒަރފުށް ހިމަނައިގެން ތައްޔާރުކޮށްފައިވާ ރިމޯޓް ކޮންޓްރޯލް އައިއީޑީއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް