އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ޖިންސީގޯނާގެ ތުހުމަތުގެ ދައުވާގެ ޝަރީއަތް އޮންލައިންކޮށް ގެންދާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ޖިންސީ ގޯނާގެ ތުހުމަތުގެ...

26 Jun 2021 | 05:02

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ޖިންސީގޯނާގެ ތުހުމަތުގެ ދައުވާގެ ޝަރީއަތް އޮންލައިންކޮށް ގެންދާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވަނިކޮށް ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އަލީ މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތުގައި އެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވި އިރުވެސް އޭނާ ރާއްޖެ ވަޑައި ނުގެންނަވާއިރު ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.

މި މައްސަލައިގަ މުއްދަތު ހަމަވި ފަހުން ބާއްވަން ހަމަޖެއްސި ފުރަތަމަ ޝަރީއަތް ކެންސަލް ކުރީ އަލީވަހީދުގެ އެދިވަޑައިގެންނެވުމަށް އޮންލައިންކޮށް ބައިވެވިވެވޭނެ ގޮތް ހަމަޖެއްސުމަށެވެ. އަދި ފަހުން މިދިޔަ ހޯމަ ދުވަހު ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ބައިވެރިވެގެންނެވެ.

މި މައްސަލައިގަ ޕީޖީ އޮފީހުން ދަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރި ނުވެވޭނެ ކަމަށާއި އޭނާ ހުންނެވީ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގައިކަން ކޯޓަށް ޔަގީންކޮށްދެވިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލައިގަ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ، އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަވަން ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ޕީޖީން ބުނީ އަލީ ވަހީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.

އަލީގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް