ކޯވިޑް-19: އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައިފިއެވެ. އެގޮތުން ލުއިދިނުމަށް ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހި...

26 Jun 2021 | 04:25

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައިފިއެވެ.

އެގޮތުން ލުއިދިނުމަށް ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި) މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ވަނީ ދީފައެވެ. މިގޮތަށް ނިންމެވި ނަމަވަސް ބައެއް ލުއިތަކާއެކު އެ އެޖެންސީން އަޅާފައިވާ އަންނަނިވި ފިޔަވަޅުތައް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި ދެމި އޮންނާނެއެވެ.

އެގޮތުން ލުއި ދިނުމެއް ނެތި ދަމަހައްޓާފައިވާ ފިޔަވަޅުތައް ތިރީގައި އެ ވަނީއެވެ.

  1. ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުން. މިގޮތުން ޖަމާޢަތްތަކުގައި ނަމާދު ނުކުރެވުނު ކަމުގައި ވީނަމަވެސް، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ.
  2. ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
  3. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  4. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  5. އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
  6. އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ލާޒިމްކޮށް، އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ޚިދުމަތްދިނުން.
  7. ހުރިހާ ކުޅިވަރު ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  8. ފިހާރަތައް ހުޅުވައިގެން ހެނދުނު 06:00 އިން ރޭގަނޑު 06:00 ޚިދުމަތްދިނުމާއި، އަދި ރޭނގަނޑު 10:00 އަށް ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތްދިނުން. އަދި،ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
  9. ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  10. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. ނަމަވެސް މިފަދަ  ތަންތަނުނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދެވޭނެއެވެ.
  11. އެ އަވަށެއްގެ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭ އިން ނިންމަވާފައި ވެއެވެ.

އެގޮތުން، ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަދިނުމާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށް ހުއްދަ ދިނުމާއި، ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ޚިދުމަތްދިނުމަށް ހުއްދަ ދިނުމާއި، ހިތަދޫ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން ހިމެނެއެވެ.

މީގެ އިތުރުން، ކާފިއު ވަގުތު ހަވީރު 04:00 އިން ފަތިހު 04:00 އަށް ކުރު ކުރުމަށް ނިންމާފައި ވެއެވެ.

ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލަން އަންގާފައިވާ އެންގުން ވަނީ ދަމަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް