ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑުން ތޫފާނަކަށް ބަދަލުވެ މިހާރު ބާރުގަދަ ތޫފާނެއްގެ ގިންތީގައިހުރި ތޫފާން ރެމަލް ބަންގްލަދޭޝް އަދި އިންޑިއާގެ ވެސްޓް ބެންގޯލް އައްސޭރިއާއި ހަމައަށް ފޯރާފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނުވަ ލައްކައަށްވުރެ ގިނަ މީހުން ސަލާމަތީ އައްސޭރިއަށް، ޓެންޓުތަކާއި ސޭފް ހައުސްތަކަށް ބަދަލުކޮށްފިއެވެ.
އިންޑިއާ މެޓު އޮފީހުން މީގެ 14 މިނެޓު ކުރިން ބުނެފައިވަނީ ތޫފާން މިހާރު ވެސްޓް ބެންގޯލްގެ ސާގަރް އައިލެންޑާއި 110 ކިލޯމީޓަރު އިރަށް ވާހެން ބަންގްލަދޭޝް އާއި ވެސްޓް ބެންގޯލް އައްސޭރި ފަށުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތިންގަޑިއިރެއްހާއިރުގެ ތެރޭގައި ބަންގްލަދޭޝްގެ މޮންގްލާ އާއި ވެސްޓް ބެންގޯލްއާއި ހަމައަށް ތޫފާން ފޯރާނެކަމަށް ލަފާކުރެވޭކަމަށެވެ.
އިންޑިއާގައި ސަލާމަތީ އައްސޭރިތަކަށް މީހުން ބަދަލުކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން ބުނެފައިވަނީ މިހާތަނަށް އެއް ލައްކަ 10 ހާސް މީހަކު ސަލާމަތީ ސަރަހައްދުތަކަށް ގެންދެވިފައިވާކަމަށެވެ.
ބަންގްލަދޭޝްގެ ޓީމުތަކުން ބުނެފައިވަނީ މިހާތަނަށް އަށް ލައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައިވާކަމަށެވެ.
އިންޑިއާ މެޓުން ބުނެފައިވާގޮތުގައި މި ތޫފާނުގައި އާންމުގޮތެއްގައިވެސް ވައިގެ ބާރުމިން ހުންނަނީ ގަޑިއަކު 110 އާއި 120 ކިލޯމީޓަރު ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 135 ކިލޯމީޓަރަށް ވައި ގަދަވާކަމަށެވެ.
ރާއްޖޭގައި ނަމަ ވައިގެ ބާރުމިން ބަލާ އުޅެނީ ގަޑިއަކު މިތައް މޭލުންނެވެ. ނަމަވެސް އިންޑިއާގައި އެ ބަލަނީ ގަޑިއަކު މިތައް ކިލޯމީޓަރުންނެވެ. ކިލޯ މީޓަރު މޭލަށް ބަދަލުކުރާނަމަ ތޫފާން ރެމަލްގައި ވިލާގަނޑުގައި ވައި ޖެހެމުން އެދަނީ ގަޑިއަކު ގާތްގަނޑަކަށް 84 މޭލު ބާރުމިނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް