ތައުލީމީ ދާއިރާގައި ފެންވަރު ރަގަނޅު މުދައްރިސުން މަދުވުމަކީ އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު އެއް ގޮން ޖެހުމެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިރާސީ އާ އަހަރު ފެށުމުން އިއްވި ޚިޠާބުގައެވެ.
މިނިސްޓަރ ވިދާޅުވީ ފެންވަރު ރަގަނޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަގަނޅު، އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުންތަކެއް ދާއިރާގައި ތިބެގެން ކަމަށެވެ. އަދި ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖުމަކީ ފެންވަރު ރަގަނޅު މުދައްރިސުންތަކެއް ދާއިރާގައި މަދުވުމުގެ މައްސަލަ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް، ދާއިރާގެ މުދައްރިސުން ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުންގެ ސުކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރަށް،ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި އަހަރު ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މުދައްރިސުންނަށް މުހާތަބުކޮށް އެޑިއުކޭޝަން މިނިސްޓްރ ވިދާޅުވެފައިވަނީ، ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި ތަރައްގީގެ މައިދާނުގައި ރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރައްވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގަނެފައިވާ ބައެއްގެ ގޮތުގައި އަހަރު ފެށިގެން ދާނެކަމަށެވެ.
ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައި ދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރިކުރުވުމާއި، ސާމިލްކޮށަގެން އުނގަންނައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް، ޙާއްސަ އިސްކަމެއް މި ދިރާސީ އަހަރުގެ ތެރޭގައި ދިވިގެން ދާނެކަމަށް މިނިސްޓަރުގެ ޚިޠާބުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް