އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހިނގާ މެއި މަހުގެ ހުކުރު ދުވަހު ނައްތާލާފައިވަނީ 212 ފުޅި ބަނގުރަލާއި 50 ދަޅު ބިޔަރެވެ.
މިތަކެއްޗަކީ މި އަހަރުގެ އެޕްރީލް މަހުގެ 17 އިން ފެށިގެން މެއި މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމުގައި ފުލުހުން ބުނެއެވެ.
ބަނގުރާ ނައްތާލުން ވިލިނގިލި ޕޮލިސް ސްޓެޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމުގައިވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް