އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަރަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ކްރޮސް ރޯޑްގައެވެ.
ރޭގެ އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލްނަސީމާއި، އެމްޑަބްލިއުއެސްސީގެ ޗެއާމަން އަލްފާލިލް އަހްމަދު މައުސޫމް އާއި މެނޭޖިން ޑިރެކްޓަރ އަލްފާލިލް ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، އެސްސޯއީ ތަކުގެ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޑަބްލިއުއެސްސީ ވުޖޫދަށް އައިސްފައވަނީ 1995 ވަނަ އަހަރު މާލޭގެ އިތުރުވަމުން ދިޔަ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށްދިނުމަށްޓަކައެވެ. ނަމަވެސް މިއަދު ކުންފުންޏަށް 27 އަހަރު ފުރިގެންދިޔައިރު އެމްޑަބްލިއުއެސްސީއަކީ ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ އިތުުރުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޖިނިއަރިންގ އަދި މެނުފެކްޗަރިންގގެ މަސައްކަތް ކުރަމުންދާ އެއް ކުންފުންޏެވެ. އެމްޑަބްލިއެސްސީ އިން ގްރޭޓަރ މާލޭ ރީޖަންގެ އިތުރުން ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިިދުމަތް ފޯރުކޮށްދެއްވަމުން އަންނައިރު ރ. ދުވާފަރުގައި އެ ކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ރޭގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސައްނަ ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު މަސައްކަތަކީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ކަމުގައިވީނަމަވެސް އެ ކުންފުންޏަކީ ވަރަށް ފަހުރުވެރިކަމާއެކު ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށް، ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އެގޮތުން މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުުރުމުގެ މަސައްކަތުގެ ދަށުން، އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 31 ރަށުގެ ތެރެއިން ހަތަރު ރަށެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު 2023 ވަނަ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރެވޭނެކަން އެމްޑީ ޝާހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ފެނުގެ ސެކިއުރިޓީ ހަރުދާނާ ކުރުމުގެ ގޮތުން އެ ކުންފުނީގެ ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ބޭނުންވާ 13 ހާސް ކިއުބިކް މީޓަރުގެ ބޮޑު ދެ ތާންގީ ބެހެއްޓުމަށް ބިން ހަމަޖައްސަވައިދެއްވާފައިވާތީ އެކަން ފާހަގަކޮސް ސަރުކާރަށް އެމްޑީ ޝާހު ވަރަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އެންެމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ އެވޯޑްތަކެއް ވަނީ ރޭގެ ހަފްލާގައި ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް