ތުރުކީއާއެކު ފަށަން ތައްޔާރުވަމުން އަންނަނީ އެކުވެރިކަމާއި ހާރިޖީ ގުޅުމުގެ އާ ބާބެއް ކަމުގައި އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުން މިހާރު ބުނެފައިވަނީ އިއްޔެއާއި މިއަދު އިޒްރޭލުގައި ކުރިއަށްދާ ދެ ގައުމުގެ އިސް އޮފިޝަލުންގެ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެގެ ބައްދަލުވުމަށްފަހުގައެވެ. މިކަން ހާމަކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޔައިރު ލަޕިޑެވެ.
ތުރުކީގެ ހާރިޖީ ވަޒީރު މެވްލުޓް ކެވުސޯލޫ އިޒްރޭލާއި ފަލަސްތީނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފެއްޓެވީ އިއްޔެގެ ވަގުތެއްގައެވެ. މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި ތުރުކީގެ މި ފެންވަރުގެ ވަފުދެއް އިޒްރޭލަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ތުރުކީގެ މި ބައްދަލުވުންތަކުގެ އެއް މަގުސަދަކީ ދިގުލައިގެން ގޮސްފައިވާ ފަލަސްތީނު އިޒްރޭލު މަސްރަހަށް ފިނިކަމެއް ގެނައުމެވެ. ނަމަވެސް ހުޅަނގު މީޑިއާ މެދުވެރިކޮށް އިޒްރޭލުން ދައްކަން ބޭނުންވަނީ މުޅިން އެެހެން މަންޒަރެއް ކަމުގައި މެދުއިރުމަތީގެ މީޑިއާތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް