އެންމެ ގިނަ މަޝްރޫއު ހިންގީ މި އަހަރު، ހަމަ މި އަހަރު އިތުރު 20 މަޝްރޫއު ނިންމާނަން: ޝާހު

ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިންގީ މި އަހަރު ކަމަށާއި ހަމަ މި އަހަރު އިތުރު 20 މަޝްރޫއު ނިންމާނެ ކަމުގައި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ...

26 May 2022 | 02:40

ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިންގީ މި އަހަރު ކަމަށާއި ހަމަ މި އަހަރު އިތުރު 20 މަޝްރޫއު ނިންމާނެ ކަމުގައި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ އެ ކުންފުންޏަށް 27 އަހަރު ފުރުން ފާހަގަކުރުމަށް ކްރޮސްރޯޑުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ިދިޔަ އަހަރު ފެށި މަޝްރޫއުތަކާއެކު 31 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަކަން ޝާހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއްގެ މަސައްކަތް ނިންމައިލުމަކީ ކުންފުނީގެ އަމާޒެއް ކަމުގައި ޝާހު ވިދާޅުވިއެވެެ.

ޝާހު ވިދާޅުވީ މި މަޝްރޫއުތަކުގެ އިތުރުން މާލޭގައި ފެން ރައްކާ ކުރެވޭ ކެޕޭސިޓީ އިތުރު ކުރަން 13 ހާސް ކިއުބިކްމީޓަރުގެ ދެ ފެންތާންގީ ބެހެއްޓުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

މާލޭގެ ނަރުދަމާ ނިޒާމަކީ އަންދާޒާކުރިވަރަށްވުރެ މާ ބޮޑު ލޯޑެއް އޮތް ނިޒާމެއްކަން ފާހަގަކުރައްވަމުން ޝާހު ވިދާޅުވީ އެޅިފައިވާ ހޮޅިތައް ސާފުކުރަން އިތުރު ޕަމްޕު ސްޓޭޝަންތަކުން ވަރަށް ބޮޑު ލުޔެއް ހޯދައިދެމުން އަންނަ ކަމަށެވެ. ޝާހު  ވިދާޅުވީ މާލޭގެ މަގުތަކަށް ނަޖިސް ލީކުވުމުގެ މައްސަލައަށް އެ ބަދަލާއެކު ހައްލެއް ލިބިފައިވާކަމަށެވެ.

އެ ކުންފުނިން ހިންގާ އިތުރު ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުން ޝާހު ވިދާޅުވީ ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރުވެސް ނިމިފައިވާކަމަށާއި އެކަމަށް އެ ކުންފުނީގެ ބޮޓްލިން ފެކްޓްރީއަށް ބަދަލުތަކެއް ގެނެސް ބިއްލޫރި ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދާފައިވާކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބުރައީސް ފަައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް