ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނެފައި ވަނީ، މި ބަދަލު ގެނައީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި ކަމަށެވެ.
އެގޮތުން 27 މޭ އިން ފެށިގެން 10 ޖޫން 2021 އާ ހަމަޔަށް ބޭންކުގެ މަސައްކަތު ގަޑިތަކަށްބަދަލު ގެނެވިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް (ކަސްޓަމަރ ސަރވިސް ސެންޓަރ ހިމެނޭހެން) މި މުއްދަތުގައި ބަންދުވާނެއެވެ. ބީއެމްއެލްއިން އެދިފައިވަނީ ކަސްޓަމަރުން ގޭގައި ތިބެގެން އޮންލައިން ބޭންކިން މެދުވެރިކޮށް ލިބެން ހުންނަ ހިދުމަތްތަކުގެ ބޭނުން ހިފުމަށެވެ.
ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. މި ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ.
ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި ( ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ވެސް މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.
އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން:
އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) [email protected] އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ފަސޭހައިން މި ހިދުމަތް ހޯދުމަށްޓަކައި، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޓީޓީ ޚިދުމަތަށް އެދި ހުށަހެޅުމަށް ބީއެމްއެލްއިން އެދެއެވެ. ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް :
ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބީއެމްއެލްއިން ބަލައިގަންނަމުން ދާނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking- services/payroll-service މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އެދުވަހު ޕްރޮސެސްކުރެވޭނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން :
މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ.
އެމްއެމްއޭ ހުޅުވާފައި ހުންނަދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ކުރިން ޖަމާކުރާ ޗެކްތައް ކްލިއަރކުރުމަށް އެދުވަހަކު ބީއެމްއެލްއިން ފޮނުވާނެއެވެ.
ލޯކަލް ބޭންކް ޓްރާންސްފަރ:
މި މުއްދަތުގައި އަންނަ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މި ހިދުމަތް ބީއެމްއެލްއިން ދޭނެއެވެ.
ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.
ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ. ފޯމް ފުރިހަމަކޮށް އަދި ސޮައިކުރުމަށްފަހު [email protected] އަށް ފޮނުވުމަށް ބީއެމްއެލްއިން އެދެއެވެ.
ބީއެމްއެލް އިން ބުނީ، ކަމޑައެޅިފައި މިވާ ވަގުތުތަކުގެ ފަހުން ލިބޭ ހުށަހެޅުންތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް