އާންމުންނަށް ނޭނގޭ އިނގިރޭސި ރާނީ އެލިޒަބަތަށް މާމަ ވިދާޅުވާ ބޭފުޅުން!

ދުނިޔޭގައި އެންމެ މަޝްހޫރު އަދި ގައުމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ލިބޭ ޝާހީ އާއިލާ އަކީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އެވެ. އެ އާއިލާއިން އާންމުންގެ މެދުގައި އެންމެ މަޝްހޫރީ ކުއީން އެލިޒަބަތު 2 އާ...

26 May 2021 | 15:58

ދުނިޔޭގައި އެންމެ މަޝްހޫރު އަދި ގައުމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ލިބޭ ޝާހީ އާއިލާ އަކީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އެވެ.

އެ އާއިލާއިން އާންމުންގެ މެދުގައި އެންމެ މަޝްހޫރީ ކުއީން އެލިޒަބަތު 2 އާއި ދަރިކަލުން ޕްރިންސް ޗާލްސް އާއި މަރުވެފައިވާ ޕްރިންސް ޗާލްސްގެ ކުރީގެ އަނބިކަނބަލުން ޕްރިންސަސް ޑަޔާނާ އެވެ. އޭގެ ފަހުން މަޝްހޫރުވީ ޕްރިންސް ޗާލްސް އާއި ޕްރިންސަސް ޑަޔާނާގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ހެރީ އެވެ.

މިއަހަރު ތެރޭގައި ނެރެފައިވާ ބައެއް މީޑީއާ ރިޕޯޓުތަކުގައިވެސް ބުނެފައިވާ ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ހެން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ މަޝްހޫރަސް ގިނަ މީހުން ދަންނަނީ އެ އާއިލާގެ މަދު ބޭފުޅުންނެވެ. ހާއްސަކޮށް ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ މީހުންނަށް ނޭނގޭ އެއް ކަމަކީ ރާނީ ކުއީން އެލިޒަބަތުގެ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް ނޫން މާމަ ވިދާޅުވާ ބޭފުޅުން ތިއްބަވާ ކަމެވެ.

އެ މައުލޫމާތުތައް ވިކިޕީޑިއާ އާއި ގޫގުލްއިން ބަލާލެވެން ހުރި ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ގިނަ މީހުން ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް ނޫން ޝާހީ އާއިލާގެ ޒުވާން ޕްރިންސަސް އިންނާއި ޕްރިންސް އިންނަކަށް ސަމާލުކަމެއް ނުދެ އެވެ. އެހެންވެ މާމާފުޅު ވިދާޅުވާ ދެން ތިއްބެވި ޝާހީ އާއިލާގެ ހަ ބޭފުޅުންނަކީ ކޮންބައެއްކަން ގިނަ މީހުންނަށް ނޭނގެނީ އެވެ.

ކުއީން އެލިޒަބަތް 2 އާއި މިދިޔަ މަހު އަވަހާރަވި ޕްރިންސް ފިލިޕްއަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެ ހަތަރު ބޭފުޅުންގެ ފަރާތުން ރާނީއަށް މާމަ ވިދާޅުވާ އަށް ބޭފުޅުން ލިބިވަޑައިގެންފަވެ އެވެ. އަދި މުނިމާމަ ވިދާޅުވާ 10 ބޭފުޅުން އެބަތިއްބެވެ.

ރާނީ އަށް މާމަ ވިދާޅުވާ ބޭފުޅުން:

ޕީޓާ ފިލިޕްސް އަކީ ކުއީން އެލިޒަބަތުގެ ދަރިކަނބަލުން ޕްރިންސަސް އޭން އާއި ކެޕްޓަން މާކް ފިލިޕްސްގެ ދަރިކަލެކެވެ. އުމުރުން 43 އަހަރުގެ ޕީޓާގެ ދެ އަންހެން ދަރިކަނބަލުން ތިއްބަވަ އެވެ.

ޕީޓާ އާއި ދެ ދަރިކަނބަލުންގެ މަންމަ އޯޓަމްގެ ކައިވެނި މިދިޔަ އަހަރު ވަނީ ނިމުމަކަށް ގެނެސްފައި އެވެ.

ޒާރާ ޓިންޑަލް އަކީ ކުއީން އެލިޒަބަތުގެ ދަރިކަނބަލުން ޕްރިންސަސް އޭން އާއި ކެޕްޓަން މާކް ފިލިޕްސްގެ ދެ ވަނަ ބޭފުޅާ އެވެ. އުމުރުން 39 އަހަރުގެ ޒާރާގެ ދެ އަންހެން ދަރިކަނބަލުންނާއި ފިރިހެން ބޭފުޅަކު ހުންނަވަ އެވެ.

ޒާރާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މައިކް ޓިންޑަލް އާއި އެވެ.

ޕްރިންސް ވިލިއަމް އަކީ ޕްރިންސް ޗާލްސް އާއި ޕްރިންސަސް ޑަޔާނާގެ ދޮށީ ދަރިކަލުންނެވެ. ޕްރިންސް ވިލިއަމް އަކީ ކުއީން އެލިޒަބަތުގެ ތިން ވަނަ މާމަ ދަރިކަލުންނެވެ. އަދި އާންމުންގެ މެދުގައި އެންމެ މަގުބޫލު ދެ މާމަ ދަރިކަލުންގެ ތެރެއިން އެއް ބޭފުޅެވެ.

އުމުރުން 38 އަހަރުގެ ޕްރިންސް ވިލިއަމްގެ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލަކު ހުންނަވަ އެވެ. ޕްރިންސް ވިލިއަމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ކޭޓް މިޑްލްޓަން އާއި އެވެ.

ޕްރިންސް ހެރީ އަކީ ޕްރިންސް ޗާލްސް އާއި ޕްރިންސަސް ޑަޔާނާގެ ހަގު ދަރިކަލުންނެވެ. ޕްރިންސް ހެރީ މިހާރު ވަނީ ޝާހީ އާއިލާ އާއި ގުޅުން ކަނޑާލައި ޝާހީ ޒިންމާތަކުން އެއް ފަރާތްވެފައި އެވެ.

އުމުރުން 36 އަހަރުގެ ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެންޏަށް ލިބިވަޑައިގެންފައިވަނީ އެންމެ ބޭފުޅެކެވެ. ދެ ވަނަ ދަރިކަނބަލުންނަށްނަށް މޭގަން އިންނެވީ އާލާސްކަންފުޅާއި އެވެ.

ޕްރިންސަސް ބީޓްރިސް އަކީ ރާނީ އެލިޒަބަތުގެ ދަރިކަލުން ޕްރިންސް އެންޑްރޫ އާއި ސާރާ ފާގަސަންގެ ދަރިކަނބަލެކެވެ. އުމުރުން 32 އަހަރުގެ ޕްރިންސަސް ބީޓްރީސް އަކީ ޝާހީ އާއިލާ އާއި ވަކި ދިރިއުޅެއް އުޅެން ބޭނުންވެވަޑައިގެންނަވާ އެއް މާމަދަރިކަލުންނެވެ. އެކަމަނާ އަކީ ވިޔަފާރީގައި ދާއިރާގައި ކުރިޔަށް ވަޑައިގެންނަވާ ކަނބަލެކެވެ.

އެކަމަނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އެޑްވާޑޯ މަޕެއްލީ އާއި އެވެ. މިދިޔަ އަހަރު ކުރި މި ކައިވެނި ކުރީ ވަރަށް ކުޑަ ރަސްމިއްޔާތެއްގައި ވަރަށް ސިއްރުންނެވެ.

ޕްރިންސަސް ޔޫޒެއިނީ އަކީވެސް ރާނީ އެލިޒަބަތުގެ ދަރިކަލުން ޕްރިންސް އެންޑްރޫ އާއި ސާރާ ފާގަސަންގެ ދަރިކަނބަލެކެވެ. އުމުރުން 31 އަހަރުގެ ޕްރިންސަސް ޔޫޒެއިނީ އަކީވެސް ޝާހީ އާއިލާ އާއި ވަކިން އުޅުއްވަން ބޭނުންވާ ބޭކަނބަލަކަށް ވާތީ ޝާހީ ގަނޑުވަރުން ނުކުންނެވިތާ އަހަރުތަކެއް ވެއްޖެ އެވެ.

އެކަމަނާ މިހާރު މަސައްކަތް ކުރައްވަނީ އާޓްގެ ދާއިރާގައި އެވެ. ޕްރިންސަސް ޔޫޒެއިނީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ޖެކް ބްރޫކްސްބޭންކް އާއި އެވެ. އެ ދެމަފިރިކަނބުންގެ ހުންނަވަނީ އެންމެ ބޭފުޅެކެވެ.

ކުއީން އެލިޒަބަތްގެ އެންމެ ހަނގު މާމަ ދަރިކަނބަލުންނަކީ ލޭޑި ލޮއިސް ވިންޑްސޯ އެވެ. ހައިރާން ކުރުވާ ކަމަކީ މިހާރު އުމުރުން 17 އަހަރުގެ ލޭޑީ ލޮއިސް އަށް އެކަމަނާ އަކީ ޕްރިންސަސް އެއްކަން އެނގިވަޑައިގެންނެވީ ވަރަށް ފަހުން ކަމަށްވެ އެވެ. އެއީ އެކަމަނާގެ މަންމާފުޅު ސޯފިއާ އެކަން ސިއްރު ކުރަން ބޭފުޅުވެގެންނެވެ،

ލޭޑީ ލޮއިސްއަށް އެކަމަނާއަކީ ޕްރިންސަސް އެއްކަން އެނގުމުން ޖެހުނީ ޝޮކެއްކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. ލޭޑީ ލޮއިސް އަކީ ސޯފިއާ އާއި ކުއީން އެލިޒަބަތްގެ ދަރިކަލުން ޕްރިންސް އެޑްވާޑްގެ ދޮށީ ދަރިކަނބަލުންނެވެ.

ކުއީން އެލިޒަބަތުގެ އެންމެ ހަގު މާމަ ދަރިކަލުންނަކީ ޖޭމްސް އެވެ. އެއީ ކުއީން އެލިޒަބަތްގެ ދަރިކަލުން ޕްރިންސް އެޑްވާޑް އާއި ސޯފިޔާގެ ހަގު ދަރިކަލުންނެވެ. ޖޭމްސްގެ ފޮޓޯ އާންމުކޮށް މީޑިއަށް ތިލަވެފައި ނުވާއިރު އާއިލީ ބައްދަލުވުންތަކާއި ޝާހީ އާއިލާގެ ރަސްމިއްޔާތުތަކުގައިވެސް ޖޭމްސް ބައިވެރި ކުރާކަން މަންމާފުު ސޯފިޔާ ބޭނުންފުޅެއް ނުވެ އެވެ.

އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމަށް އެކަމަނާ ވިދާޅުވެފައިވަނީ ބޭނުންވަނީ އާންމު މީހެއްގެ ދިރިއުޅުން ޖޭމްސް އަށް ހޯއްދަވައިދެއްވުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް