(މާލެ ސިޓީ) ކޯވިޑް-19 މަތަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ބޯލަނބާ މިންވަރު ބެލުމަށް މަގުމަތީގައި ހަރަކާތެރިވާ ފުލުހުންނާއި ސިފައިން މީގެ ކުރިއާ އަޅައިބަލާއިރު ގިނަކަން ފާހަގަކުރެވިއްޖެއެވެ.
ދުވަސްގެ ނޫސްވެރިން މަގުމައްޗަށް ނުކުމެ ބެލި ބެލުމުން އެނގުނީ، ފިޔަވަޅުތައް ތަންފީޒުކުރުމަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންގެ ބޭކަލުން ހަރަކާްތެރިވަމުންދާ ކަމެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ވެހިކަލްތަކުގައި ހުއްދަ އޮތްތޯ ފުލުހުންނާއި ސިފައިންގެ ބޭކަލުން ދަނީ ދޫދިނުމެއް ނެތި ބަލަމުންނެވެ.
މީގެ އިތުރުން ވިޔަފާރި ކުރާ ތަންތަން ވެސް އެ ބޭކަލުން ދަނީ ބަލަމުންނެވެ. އަދި ގަވާއިދާއި އުުސޫލުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިތުރުން އެހެން ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ.
ފަހުން އެޅި ފިޔަވަޅުތަކާއެކު ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަން ވަރުގަދަކަން ފާހަގަކުރެވެއެވެ.
މާލޭގައި ކާފިއު ހިންގާ ގަޑި ހަވީރު 4:00 ން ހެނދުނު 8:00 އަށް ހިންގަން ފަށަން ނިންމައި، އެ ނޫން ގަޑިތަކުގައި ބޭރަށް ނުކުންނަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވަނީ ހަދާފައެވެ. އަލަށް ގެނައި މި ބަދަލަށް އަމަލު ކުރަން ފެށީ މިއަދުއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީޕް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ކާފިއު ނޫން ގަޑިތަކުގައި ގެއިން ބޭރަށް ނުކުންނަށް ދޫކުރާނީ ގެއަކަށް ދެ ފާސް ކަމަށެވެ. އަދި އެ ފާސް ދޫކުރާނީ މިދިޔަ އަހަރުގެ ލޮކްޑައުންގައި އަމަލު ކުރި އުސޫލުން ގޭގެ ކަރަންޓު މީޓަރު ނަމްބަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އެ ޕާސް ދޫކުރެވޭނީ ދުވާލުގެ ކާފިއު ނޫން ގަޑިތައް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި އަނެއް ޕާމިޓްތައް ދޫކޮށްފައި ހުންނާނީ މެންދުރު 12:00 އިން ހަވީރު 4:00 އާ ހަމައަށް ކަމަށް ވިދާޅުވިއެވެ.
ފާސް ދޫކުރާ ފަރާތް ނޫން އެހެން ފަރާތަކަށް ފާސް ހިފައިގެން ބޭރުގައި ނޫޅެވޭނެ ކަމަށާއި އުޅޭނަމަ އޮންނަ އުސޫލުގެ ތެރެއިން ޖޫރިމަނާ ކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ގެއަކަށް ދޫކުރާ ފާސް އެހެން މީހެއްގެ ނަމަށް ބަދަލު ކުރެވޭނީ ކޮންމެ 72 ގަޑިއިރަކުން އެއް ފަހަރު ކަމަށެވެ.
ކުރިއެެކޭ އެއްގޮތަށް ފުލުހުން މެދުވެރިކޮށް ފާސް ހޯދުމަށް ޕޯޓަލް އާއި ފޯން މެދުވެރިކޮށް އެދެވޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް