މަލިކު ހިމެނޭ ލަކްޝަދީބުގައި ރާ ހުއްދަކޮށް، ގެރި މަސް މަނާ ކުރުމާއިއެކު، މޯދީގެ އަރިސް ޕަޓޭލްއާއި ދެކޮޅަށް އަޑު އުފުލަނީ

މަލިކު ހިމެނޭހެން އިންޑިއާގެ ލަކްޝަދީބުގައި ރާ ހުއްދަ ކޮށް، ގެރި މަސް މަނާ ކުރުމާއިއެކު، އެ ސަރަޙައްދުގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ. މިއީ މުސްލިމުންގެ އާބާދީގެ މެޖޯރިޓީ އޮންނަ ރަށ...

26 May 2021 | 09:58

މަލިކު ހިމެނޭހެން އިންޑިއާގެ ލަކްޝަދީބުގައި ރާ ހުއްދަ ކޮށް، ގެރި މަސް މަނާ ކުރުމާއިއެކު، އެ ސަރަޙައްދުގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ. މިއީ މުސްލިމުންގެ އާބާދީގެ މެޖޯރިޓީ އޮންނަ ރަށްތަކެއް ކަމުން، މި ފިޔަވަޅުތަކަކީ ސީދާ ރައްޔިތުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެެއް ކަމަށް ބުނެ، މި ރަށްތަކުގެ މީހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ހަމަ މިއާއިއެކު، މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ މި ސަރަހައްދުތަކުގެ އައްސޭރީގައި، މަސްވެރިކަން ކުރުމަށް ބޭނުން ކުރާ ޝެޑްތައް ރޫޅާލަންވެސް ސަރުކާރުން ވަނީ އަންގާފައެވެ.މި ފިޔަވަޅުތައް އަޅާފައި ވަނީ ލަކްޝަދީބު ޔޫނިއަން ޓެރިޓަރީގެ ވަގުތީ އެޑްމިނިސްޓްރޭޓަރު، އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރ މޯދީއާއި ގާތް ބޭފުޅެއް ކަމަށްވާ، ޕްރަޕުލް ޕަޓޭލްގެ އިސްނެންގެވުމާއި އެކުގައެވެ.

މި ފިޔަވަޅުތަކާއި ދެކޮޅަށް، ލަކްޝަދީޕާއި ކެރެލާގެ އިދިކޮޅު ފަރާތްތައް ގުޅިގެން މިހާރު އަންނަނީ އަޑު އުފުލަމުންނެވެ.މީގެ ތެރޭގައި، ލަކްޝަދީޕުގެ ޕާލިމެންޓު މެންބަރު މުޙައްމަދު ފައިޒަލްއާއި، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ކެރެލާގެ ޓީއެން ޕްރަތަޕާންގެ އިތުރުން ސީޕީއައިއެމް ޕާޓީގެ އެލަމަރަމް ކަރީމްއާއި މުސްލިމް ލީގުގެ މުޙައްމަދު ބަޝީރު ހިމެނެއެވެ. މި ފަރާތްތަކުން ގުޅިގެން އަންނަނީ ޕަޓޭލް މަޤާމުން ދުރުކުރުމަށް މައި ސަރުކާރަށް ގޮވާލަމުންނެވެ.

ޕަޓޭލު އަޅުއްވާފައިވާ ފިޔަވަޅުތައް އަޅުއްވާފައި ވަނީ ހަމައެކަނި އަމިއްލަ މަސްލަހަތު އިސްކޮށް ކަމަށް މި ޕާޓީތަކުން ޕަޓޭލަށް ތުހުމަތު ކުރެއެވެ.އެގޮތުން، މުސްލިމް އާބާދީއެއް އޮންނަ ރަށެއްގައި ރާ ހުއްދަ ކުރުމާއި، ޖަނަވާރު ރައްކާތެރި ކުރުމުގެ ނަމުގައި ގެރި މަސް މަނާ ކުރުމާއި، ކޯސްޓު ގާރޑު ޤާނޫނާއި ޚިލާފުވާ ކަމަށް ބުނެ މަސްވެރިންގެ ބޮޑު އާބާދީއަކަށް އައްސޭރި ސަރަޙައްދުތަކުގައި ހަދާފައިވާ ފިޝިންގ ޝެޑުތައް ރޫޅާލަން އެންގުން ފާހަގަ ކުރެވެއެވެ. މޯދީގެ ބީޖޭޕީ ޕާޓީން ވަނީ ޕަޓޭލްގެ ފިޔަވަޅުތައް ދިފާއު ކޮށްފައެވެ. އެގޮތުން، އެ ފިޔަވަޅުތައް އަޅާފައި ވަނީ ކޮރަޕްޝަންގެ ސަބަބުން އެ ސަރަޙައްދުގެ ތަރައްޤީއަށް އައިސްފައިވާ ހުއްޓުން ނިމުމަކަށް ގެނެއުމަށް ކަމަށް ބީޖޭޕީންވަނީ ބުނެފައެވެ.

ދަރްދާ، ނަގަރު، ދަމަން އަދި ދިއޫގެ ޔޫނިއަން ޓެރިޓަރީގެ އެޑްމިނިސްޓްރޭޓަރު ކަމުގައި ހުރި ޕަޓޭލަށް ލަކްޝަދީބު އެޑްމިނިސްޓްރޭޓަރުކަން ދީފައިވަނީ، މި ދިޔަ ޑިސެމްބަރު މަހު، ކުރިން އެ މަޤާމުގައި ހުންނެވި ދިނެޝްވަރު ޝަރުމާ އަވަހާރަ ވުމާއި ގުޅިގެންނެވެ.ނިއުސް 18 އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިކަމާއި ގުޅިގެން ޕަޓޭލްގެ އޮފީހަށް ގުޅުމުން ބުނީ، އޭނާއާއި ދެކޮޅަށް މުޒާހަރާތަކެއް ކުރިއަށް ދާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ބީޖޭޕީގެ ނައިބު ރައީސް ވިދާޅުވެފައި ވަނީ ޕަޓޭލާއި ދެކޮޅަށް އިދިކޮޅުން މުޒާހަރާ ކުރަނީ، ޕަޓޭލްގެ ފިޔަވަޅުތަކުގެ ސަބަބުން އިދިކޮޅު ޕާޓީތަކުގެ ކޮރަޕްޝަން ހުއްޓުމަކަށް އައިސްދާނެތީ އެކަމުގެ ބިރަށް ކަމަށެވެ.އަދި އެ ރަށްތަކުގެ މީހުން ޕަޓޭލްގެ އެޑްމިނިސްޓްރޭޝަނާއި މެދު ހިތްހަމަ ޖެހިފައި ތިބިކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން، ޕާލިމެންޓު މެންބަރު ފައިޒަލް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނާއި ދެކޮޅު ނިންމުންތައް ނިންމަމުން ގެންދަނީ،ކޮވިޑު 19 އާއި ގުޅިގެން ކުރިމަތި ވެފައިވާ ގެއްލުމުގެ ސަބަބުން،އާންމުންނަށް އެކަންކަމާއި ދެކޮޅަށް ދެތުވުމުގެ ކުޅަދާނަކަން ގެއްލިފައިވާ ޙައްސާސް ދަނޑިވަޅެއްގައި ކަމަށެވެ.އަދި މި ސަރަހައްދަށް ދާއިމީ އެޑްމިނިސްޓްރޭޓަރެއް ކަނޑައަަޅައި ދިނުމަށް އެދިލައްވާ، އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދަށާއި، ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި، ހޯމް މިނިސްޓަރު އަމިތު ޝާހަށް ދަންނަވާފައިވާ ކަމަށާއި، މި ސަރަހައްދުގެ ރައްޔިތުން ބޭނުންވަނީ އެމީހުންނާއި ގުޅޭ، ރަހުމަތްތެރި ވެރިއެެއް ކަމަށާއި، ހުރިހާ ތަރައްޤީގެ ޕްލޭނެއްގައި ރައްްޔިތުންގެ މަސްލަޙަތު ހިމެނެން ޖެހޭނެ ކަމަށްވެސް ފައިޒަލް ވިދާޅުވިއެވެ.

މޯދީގެ ސަރުކާރުން ލަކްޝަދީބުގެ ރަށްތަކުގެ މީހުންނަށް އަނިޔާވެރިވެ، އެމީހުން އާދަކާދައާއި ސަޤާފަތް ނައްތާލުމަށް މަސައްކަތް ކުރާ ކަމުގެ ގިނަ ތުޙުމަތުތަކެއް މިހާރުގެ ސަރުކާރަށް އަމާޒުވެފައި ވެއެވެ. ލަކްޝަދީބުގައި ހިމެނޭ މަލިކަކީ، ކުރިން ރާއްޖޭގެ ރަށެކެވެ. އަދި މިހާރުވެސް އެ ރަށުގެ އަހުލުވެރިންނަކީ ދިވެހިން ވާހަކަ ދައްކާ، މުސްލިމުންގެ އާބާދީއެކެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް