ފުރިހަމަ ހަނދު ކޭތައަކާއެކު، އޭޝިއާއާއި އެމެރިކާ ސަރަހައްދަށް "ސުޕާ ފްލާވާ ބުލަޑު މޫނެއް"

ސުޕާ ފްލާވާ ބްލަޑް މޫނަކީ، ހަނދު ދުނިޔެއާއި އެންމެ ކައިރީގައި ވަނިކޮށް، ފުރިހަމަ ހަނދުކޭތައެއް ހިފުމުން ދީފައިވާ ނަމެވެ. އަދި 'ފްލާވާ' ހަނދޭ ކިޔަނީ، ބަހާރު މޫސުމުގެ މާތައް ފޮޅޭ ދުވަސްވަރުގައި ހަނދު ފު...

26 May 2021 | 09:23

ސުޕާ ފްލާވާ ބްލަޑް މޫނަކީ، ހަނދު ދުނިޔެއާއި އެންމެ ކައިރީގައި ވަނިކޮށް، ފުރިހަމަ ހަނދުކޭތައެއް ހިފުމުން ދީފައިވާ ނަމެވެ.

އަދި 'ފްލާވާ' ހަނދޭ ކިޔަނީ، ބަހާރު މޫސުމުގެ މާތައް ފޮޅޭ ދުވަސްވަރުގައި ހަނދު ފުރިހަމަ ވެފައި ވުމުގެ ސަބަބުންނެވެ. މިއީ 10 އަހަރުން އެއް އަހަރު ފެނިގެންދާ އަޖައިބެއް ކަމަށާއި، މި ބުދަ ދުވަހު މި އަޖައިބު ދެކިލުމުގެ ނަސީބު ދުނިޔެއަށް ލިބިގެންދާނެ ކަމަށް ނުޖޫމީ އިލްމުވެރިން ބުނެއެވެ.

ވޭތުވެ ދިޔަ 2 އަހަރު ތެރޭގައި ހިފާ އެންމެ ފުރަތަމަ ފުރިހަމަ ހަނދު ކޭތައާއިއެކު، ދުނިޔެއަށް 'ސުޕާ މޫނެއް' އަލުން ފެނިގެން ދާއިރު، ހަނދު ހުންނާނީ ދުނިޔެއާއި ވަރަށް ގާތުގައެވެ. ސުޕާ މޫނެއްގައި، ހަނދު ހުންނާނީ ދުނިޔެއާއި ގާތް ގަނޑަކަށް 360،000 ކިލޯ މީޓަރު ކައިރީގައެވެ.

އެހެން ކަމުން، އާންމުކޮށް ފެންނަ ވަރަށް ވުރެ ހަނދު ބޮޑުކޮށް ފެނިގެން ދާނެއެވެ.ބުދަ ދުވަހު ޖީއެމްޓީ ގަޑިން 8:47ގައި ކޭތަ ހިފަން ފަށާއިރު، ޖީއެމްޓީ ގަޑިން 11:11 އާއި 11:26 އާއި ދޭތެރޭ ފުރިހަމަ ހަނދުކޭތައެއް ހިފާނެ ކަމަށްވެސް ނުޖޫމީ ޢިލުމުވެރިން ލަފާ ކުރެއެވެ.މިއީ ރާއްޖެ ގަޑިން މެންދުރުގެ ވަގުތެވެ.ނަމަވެސް އޭޝިއާ ޕެސިފިކްގެ ސަރަހައްދުތަކަށާއި، އެމެރިކާއަށްވެސް މި ކޭތެ ފެނިގެން ދާނެއެވެ.

މި ވަގުތުގެ ތެރޭގައި، ހަނދުގެ އަލިކަން ފަނޑުވެ ރަތް ކުލައަކަށް ބަދަލު ވެގެންދާނެއެވެ.މިއީ، ދުނިޔޭގެ ސަތަހައިގެ ތެރެއަށް އިރުގެ ދޯދިތައް ވަނުމުގެ ސަބަބުން، ދުނިޔެއަށް ހަނދު ފެންނާނެ ގޮތެވެ.ކަމާއި ބެހޭ މާހިރުން ހާމަ ކުރާ ގޮތުގައި، ހަނދުގެ ކުލައަށް އިތުރު ބަދަލުތަކެއް އައުން އެކަށީގެން ވެއެވެ. ސަބަބަކީ، ވިލާ ބޯ ސަރަޙައްދުތަކާއި، ހިރަފުހުން ތަޣައްޔަރު ވެފައިވާ ސަރަޙައްދުތަކަށް ހަނދުގައި ހުންނަ ރަތްކަން އިތުުރު ވެގެންދާތަން ފެންނާނެތީއެވެ.

އިރުކޭތައާއި ޚިލާފަށް، މިފަދަ ހަނދުކޭތަކަކީ ހަމަލޮލުންވެސް ބަލާލެވޭ ފަދަ، ރައްކާތެރި ކޭތަތަކެކެވެ. ސިޑްނީ އޮބްޒަރވޭޓަރީގެ ނުޖޫމީ ކިޔުރޭޓާ ކަމަށްވާ ޖޭކޮބްސް އޭއެފްޕީ ނޫހަށް ބުނީ، މި ޤުދުރަތީ އަޖައިބު ބަލާލުމަށް ގިނަ ބަޔަކު ބޭނުންވާތީ، އެކްސްޕާޓް ސްޕީކަރުންނާއި ވަރުގަދަ ޓެލެސްކޯޕުތަކާއިއެކު، ކޮވިޑު 19ގެ ރައްކާތެރި ފިޔަވަޅުތަކާއިއެކު އިވެންޓެއް އެ އޮބްޒަވޭޓަރީން ބާއްވާނެ ކަމަށާއި، އެކަން ވަގުތުން ދުރަށް ލައިވް ސްޓްރީމް ކުރާނެ ކަމަށެވެ. އަދި އެންމެ ސާފުކޮށް މި ކޭތަ ފެނިގެންދާނީ އޮސްޓްރޭލިއާ، ނިޔުޒީލޭންޑް އަދި ޕެސިފިކްގެ ޤައުމުތަކަށް ކަމަށްވެސް ޖެކޮބްސް ވަނީ ވިދާޅުވެފައެވެ.

ދުނިޔެއަށް ދެން ސުޕާ ބްލަޑް މޫނެއް ފެނިގެންދާނީ، 2033 ވަނަ އަހަރު ހިފާ ހަނދު ކޭތައާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް