ޣައްޒާއަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދިޔަ 11 ދުވަހުގެ ތެރޭގައި،އިސްރާއީލުގެ ވިޔަފާރިތަކަށް 368 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެ ޤައުމުގެ އެންމެ މައި އިންޑަސްޓްރިއަލް ގުރޫޕުން ހާމަ ކޮށްފިއެވެ.
އިސްރާއީލުގެ 1500 ވިޔަފާރިއަކާއި 4 ލައްކައެއްހާ މަސައްކަތްތެރިން ހިމެނޭ ގުރޫޕު ކަމަށްވާ، މެނުފެކްޗަރޗް އެސޯސިއޭޝަން އޮފް އިސްރާއީލުން ބުނީ، މިފަދަ ގެއްްލުމެއް ލިބިގެން ދިއައީ ވިޔަފާރިތައް ދޫކޮށް މަސައްކަތްތެރިން ގޭގައި ތިބުގެ ސަބަބުން ކަމަށާއި، އެމީހުން އެ ގޮތް އިޚްތިޔާރު ކުރީ ފަލަސްޠީނުން ދެމުން ގެންދިޔަ ރޮކެޓު ހަމަލާތަކުން ސަލާމަތް ވުމަށް ކަމަށެވެ.އެގޮތުން،އުތުރު އިސްރާއީލުގެ ސަރަހައްދުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއަށް ނުނިކުންނަ ކަމަށާއި، އިސްރާއީލުގެ ވިޔަފާރީގެ މައި ސަރަހައްދު ކަމަށްވާ، މެދުތެރޭ އިސްރާއީލުގައި ދިރިއުޅޭ މަސައްކަތްތެރިންގެ 10 އިންސައްތަ މީހުން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑު ކޮށްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން، އެކި ސިނާޢަތްތަކުގެ ކުންފުނިތަކުގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައިވާ ކަމަށާއި، ވިޔަފާރި ނުކުރެވުމުގެ ސަބަބުން ފައިދާ ބޮޑު ތަނުން ދަށަށް ގޮސްފައިވާ ކަމަށްވެސް މެނުފެކްޗަރޒް އެސޯސިއޭޝަން އޮފް އިސްރާއީލުން ބުނެއެވެ.މީގެ އިތުރުން، އިސްރާއީލުގެ 50 ކުންފުންޏަކަށް ހަަމާސްއިން ދިން ހަމަލާތަކުގައި މިލިއަނެއްހާ ޝެކެލްގެ ގެއްލުންވެފައިވާ ކަމަށްވެސް އެ ގުރޫޕުން ހާމަ ކުރެއެވެ.މިއާއިއެކު، އިސްރާއީލުގެ މައި ބޭންކަށާއި، ފަތުރުވެރި ކަމުގެ ޞިނާޢާތަށް ވެސް 2 މިލިއަނެއްހާ ޑޮލަރުގެ ގެއްލުން ވެފައި ވެއެވެ.
މި ގުރޫޕުގެ ރައީސް، ޓޮމް ރޮމަރ މިހާރު ވަނީ އިސްރާއީލުގެ ސަރުކާރަށް މިފަދަ ގެއްލުންތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެ ސަރުކާރުގެ ސްކީމެއް އެކުލަވާލަން ގޮވާލާފައެވެ.މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާއި ހަމައަށް އިސްރާއީލުން ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން އެ ޤައުމަށް ލިބުނު މާލީ ގެއްލުމުގެ އަންދާޒާއެއް އިސްރާއީލުގެ ސަރުކާރުން މިހާތަނަށް އާންމު ކޮށްފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން، ޣައްޒާގެ ފެކްޓްރީތަކާއި އެހެނިހެން އިންޑަސްޓްރިއަލް ޒޯންތަކަށް 40 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާއި، އެނަރޖީ ޞިނާއަތަށްވެސް 22 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ހަމާސްއިން ވަނީ ހާމަ ކޮށްފައެވެ.އަދި ސިއްޙީ ޚިދުމަތްެތެރިން ވަނީ، މި ހަމަލާތަކުގައި 248 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ ކަަމަށާއި، އިސްރާއީލުގެ 13 ރައްޔިތުން މަރުވެފައިވާ ކަމަށް ބުނެފައެވެ.
ކޮވިޑު-19 އާއި ގުޅިގެން އިސްރާއީލުގެ އިޤްތިޞާދަށްވެސް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެގޮތުން، އިސްރާއީލުގެ 7.9 އިންސައްތަ މީހުން ތިބީ ވަޒީފާއެއް ނެތި ކަމަށް އޭޕްރިލް މަހުގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ. ނަމަވެސް މިއަހަރު ނިމުމާއި ހަމަައަށް،އިސްރާއީލުގެ އިޤްތިޞާދަށް 4 އިންސައްތައާއި 7 އިންސައްތައާއި ދެމެދުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ކުރިން ލަފާ ކޮށްފައި ވާއިރު، ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ސަބަބުން މިހާރު ކުރިއެރުން ލިބޭނެ މިންވަރެއް އަދި އަންދާޒާ ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް