ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޤައުމުތަކަށް ކޯޓާ ދޫކުރާނެ އަދަދު ކުރިޔަށް އޮތް 2 ހަފްތާގެ ތެރޭގައި ކަނޑައަޅާ އިއުލާން ކުރާނެކަމަށް އަރަބި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ޙައްޖުގެ އަޅުކަމުގެ ކަންކަން ކަނޑައެޅުމުގައި ނިންމަންޖެހޭ ކަންކަން ނިންމުމަށް ސައުދީގެ ސުޕްރީމް ޙައްޖު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކޯވިޑް-19ގެ ހާލަތު ގޯސްވެފައި ވާތީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 60،000 މީހުނަށެވެ. އަދި މިއަހަރުގެ ޙައްޖުގެ އަޅުކަންވެސް ކުރިޔަށްދާނީ ކޯވިޑުން ރައްކާތެރިވުމަށް އަޅައި ޚާއްޞަ ފިޔަވަޅުތަކާއެކުއެވެ.
މި ފިޔަވަޅުތަކާއި އެކު މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި 60،000 މީހުންނަށް ބައިވެރިވޭއިރު މީގެތެރެއިން އެ ޤައުމަށް އެތެރެވޭނީ 15،000 މީހުންނަށްކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ބާކީ 45،000 މީހުންނަކީ ސައުދީ ރައްޔިތުންނާއި އެ ޤައުމުގައި އުޅޭ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުވެސް ޙައްޖުގެ އަޅުކަން ކުރިޔަށް ގެންގޮސްފައިވަނީ ސައުދީން ބޭރުން އެއްވެސް މީހަކު އެޤައުމަށް އެތެރެނުކޮށެވެ. އަޅުކަމުގައި ބައިވެރިކުރީ އެޤައުމުގެ ރައްޔިތުންނާއި އެޤައުމުގައި އުޅޭ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުން އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް