ކައިވެނީގެ މަޖިލިސްތައް ފަދަ ކަންކަން ހުއްޓާނުލުމަށް ކޯޓުތަކަށް އަންގައިފި

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ކޯޓުތަކުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލިސްތަކާއި ކައިވެނީގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ބޭނުންކޮށްގެނ...

26 May 2021 | 05:20

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ކޯޓުތަކުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލިސްތަކާއި ކައިވެނީގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އުއްތަމަ ފަނޑިޔާރު އަންގަވައިފިއެވެ.

ކޯޓުތަކުން މިހާލަތުގައި އަމަލު ކުރަންވީ ގޮތާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ އިރުޝާދު" އާ އެއްގޮތަށް ހުރިހާ ކޯޓަކުންވެސް މަސައްކަތް ކުރިއަށް ގެންދެވުމަށެވެ.

އެގޮތުން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، އެހެނިހެން ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، މައުލޫމާތު ސާފުކުރުމާއި އެފަދަ އެހެން ކަންކަމަށް ކޯޓުތަކަށް އާއްމުން ހާޒިރުވާންނުޖެހި އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ވަނީ ދަންނަވާފައެވެ.

ހަމަ މިއާއިއެކު ޝަރީޢަތްތަކާއި ގުޅިގެން ކޮންމެހެން ހާޒިރުވާންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން އޮފީހަށް ހާޒިރުވާންނުޖެހި ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމާއި، ގޭގައި ތިބެގެން މަސައްކަތްކުރި ކަމުގައި ވިޔަސް ރަސްމީ މަސައްކަތުގަޑީގައި މަސައްކަތުގައި އުޅޭކަން ޔަގީންކުރުމުގެ ގޮތުން އެ ދުވަހެއްގެ މަސައްކަތް ފެށި ގަޑިއާއި ނިންމި ގަޑި އާއި އެ ދުވަހެއްގައި ކުރި މަސައްކަތް އެނގޭނޭ ގޮތަށް ރެކޯޑް ބަލަހައްޓަންވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިކްސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވާ ގޮތަށް، މައްސަލައިގެ ބާވަތުން ކޮންމެހެން ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައް ހިންގުމަށްޓަކައި ކޯޓަށް ހާޒިރުވާންޖެހޭ މުވައްޒަފުންނާއި، ސެކިއުރިޓީ ބެލެހެއްޓުމަށާއި ފޮޅާސާފުކުރުން ފަދަ ކަންކަމަށާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކަށާއި މިފަދަ އެހެން ކަންކަމަށް ނެރެންޖެހޭ މުވައްޒަފުންވެސް ރައްކާތެރި ޚާއްސަ ފިޔަވަޅުތަކާއެކު ނެރުމަށް އުއްތަމަ ފަނޑިޔާރުވަނީ އިރުޝާދު ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް