ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާ ދިނުމަށް ހަރަދު ކުރި ބަޔަކު ވާނަމަ އެ ބަޔަކު ހޯދަން އެމެރިކާގެ ތަޖުރިބާކާރަކު ވަރަށް އަވަހަށް ފުލުހުންގެ ތަހުގީގު ޓީމާއި ގުޅޭ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނަށް އަމާޒުކޮށް ބޮން ގޮއްވާލީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. އެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވި އެވެ.
ރައީސް ސޯލިހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ނަޝީދަށް ދިން ޙަމަލާގެ ތަހުގީގް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހަކާއި ހަމަލާ ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ އިތުރު މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަލާގެ ތަހުގީގާއި އެއްވަރަށް އެ ހަމަލާއަށް ހަރަދު ކުރި މީހަކު ވާނަމަ އެމީހަކު ދެނެގަތުމުގެ ތަހުގީގުވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އަދި އެބަޔަކު ހޯދުމަށް ތަޖުރިބާކާރަކު ގެނައުމުގެ އިތުރުން ތަހުގީގް ކުރިއަށް ދާގޮތް ބެލުމަށްޓަކައި އެމަނިކުފާނުގެ ފަރާތްޕުޅުން ސްޕެޝަލް އެންވޯއީއެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީިސް ވިދާޅުވި އެމެރިކާގެ ތަޖުރިބާކާރު މިހާރު ހުންނެވީ ރާއްޖޭގައި އެވެ. އަދި އޭނާ ވަރަށް އަވަހަށް ފުލުހުންގެ ތަހުގީގު ޓީމާއި ގުޅޭނެ ކަމަށްވެ އެވެ.
އެ ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް ކުރެއްވި އެވެ. އަދި އެ ހޮސްޕިޓަލުގައި ހަ ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނުވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންނެވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ލިބުނު ޒަހަމް ތަކަށް ނަޝީދަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ދެން ހައްޔަރުކޮށްފައިވަނީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް