އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުގެ ޕާސްޕޯޓު އަނެއްކާވެސް ހިފަހައްޓައިފި އެވެ.
އޭނާގެ ޕާސްޕޯޓު ތިން ވަނަ ފަހަރަށް ހިފަހައްޓާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ފުލުހުން އެކަމަށް ކްރިމިނަލް ކޯޓުގައި އެދުމުންނެވެ. ކޯޓުން ވަނީ ނަޒީރުގެ ޕާސްޕޯޓު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހިފެހެއްޓުމުގެ ހުއްދަ ދީފަ އެވެ.
އަމުރު ނެރެދީފައިވަނީ އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާތީ އެވެ.
މި މައްސަލައިގަ ނަޒީރު ވިދާޅުވީ ތަހުގީގުގައި އިތުރު ކަމެއް ނެތް ކަމަށް ފުލުހުން އެންގިތާ ދެ މަސް ވެފައިވާ ކަމަށެވެ. އެހެން ކަމަށް ވާނަމަ އަނެއްކާވެސް ޕާސްޕޯޓު ހިފެހެއްޓުން ފަދަ ކަންކަމުން މިހާރު އެނގިގެން ދަނީ ފުލުހުންގެ ކިބައިގައި ޕްރޮފެޝަނަލް ކަމެއް ނެތް މިންވަރު ކަމަށެވެ.
ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުު އިއުލާންކޮށްފައި ވަނިކޮށް މިދިޔަ މާޗް މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މަގުތަކަށް މީހުން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ގޮވާލާފައިވާ މައްސަލާގަ އެވެ. އެ މައްސަލާގައި ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރެއް ނެރުނީ މިދިޔަ މާޗް މަހު އެވެ.
ހަމަ މި މައްސަލައިގަ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ،.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް