އަލީ ވަހީދު މިރޭ ޖޭޕީ އާއި ގުޅިވަޑައިގެންނަވަނީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ޕާޓިން ވަކިވެ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވައިފި އެވެ. އެކަން އަލީ ވަހީދު ޔަގީން ނުކޮށްދެއްވިޔަސް މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައި...

26 May 2018 | 14:10

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ޕާޓިން ވަކިވެ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވައިފި އެވެ.

އެކަން އަލީ ވަހީދު ޔަގީން ނުކޮށްދެއްވިޔަސް މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ ލީޑާޝިޕަށް ޝުކުރު އަދާ ކުރައްވައިި، އެ ބޭފުޅުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބޭފުޅުންނާ "މިވަގުތު ވަކިވެލީ ކަމަށް ވިދާޅުވެފައިވެ އެވެ.

އަދި އެ ޓުވީޓާއި އެކު ވަނީ ގާސިމް އާއި އަލީ ވަހީދު އެކުގައި އިން ފޮޓޯއެއް ހިމަނާފައި އެވެ.

އަލީ ވަހީދު ޖޭޕީއަށް ސޮއި ކުރުމަށް ޖަރުމަނުވިލާތުގައި މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. އެ ޖަލްސާ އޮންނާނީ މިރޭ 9:30 ގައި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިރޭ ޖަރުމަނުގައި އޮންނަ ޖަލްސާއަކީ ހާއްސަ ޖަލްސާއެއް ކަމަށެވެ.

ދާދި ފަހުން، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ޖަރުމަނުވިލާތުގައި ތިއްބަވައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އިތުރު ބޭފުޅުންތަކެއް ވެސް ޖުމްހޫރީ ޕާޓީއާ ގުޅޭނެ ކަން އެ ޕާޓީން އޮތީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވާ އިސް ބޭފުޅުންތަކެއް ގުޅޭނެ ކަމަށްވެސް ޖޭޕީން ބުނެފައިވެ އެވެ. އެކަމަކު މިހާތަނަށް ޕީޕީއެމްއިން އިތުރު ބޭފުޅަކު އިދިކޮޅާއި  އަދި ޖޭޕީއާއިވެސް ގުޅިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް