މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލައިފާ ފުރުސަތުގައި ފުރަތަމަ ފަސްދުވަހުގެ ތެރޭގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި އަދަދަކީ މާލެއާއި ހުޅުމާލެ އަދި ވިލިމާލެއަށް އެކަނި ލިބިފައިވާ އަދަދެކެވެ. އެ މިނިސްޓްރީން ބުނީ އެ ތިން ތަނަށް ޖުމްލަ 314،336 ރުފިޔާ ދައްކާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީހުން ކޮށްފައިވާ ސޮދަގާތްވެސް ހިމެނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅު ތެރޭގެ އަދަދުދަށް ނިލިބެނީ ކޮންމެ ރަށަކަށް ވަކިން ޒަކާތް ދައްކާތީ އެއީ އުނދަގޫ ކަމަށް ވާތީ ކަމަށެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައި ޒަކާތުގެ ގޮތުގައި ލިބޭ ޖުމްލަ އަދަދު އެ ރަށެއްގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.
މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން 13 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގެންނާނެ އެވެ.
ފިތުރުޒަކާތުގެ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު އާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ.
މާލޭގައި ނަމަ ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުންނަމަ 43 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުންނަމަ 81 ރުފިޔާ އެވެ. އަތޮޅު ތެރޭގެ ރައްޔިތުން ޒަކާތް ދައްކަން ޖެހޭނީ މި މިންވަރު އެ ސަރަހައްދަކުން ގަންނަން ލިބޭ އަގެވެ.
މިދިޔަ އަހަރު މާލެ ސަރަހައްދުން ޒަކާތުގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ބޮލަކަށް 1.250 ރުފިޔާގެ މަގުން ޒަކާތް ބަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް