ބޮލީވުޑްގައި މިހާރު ތުންތުން މަތިން ދެކެވޭ ވާހަކައަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ނޭނގޭ ގުޅުންތަކެއް އޮންނަ ވާހަކަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެއީ ދެމީހުން އެކުގައި ތަންތަނަށް ކާންދާތަން ފެންނާތީ އާއި ސޯނަމް ކަޕޫރުގެ ކައިވެންޏަށް ދެމީހުން އެކުގައި ދިއުމުން އެކަން އޮތީ މީހުންގެ ލޮލުގައި އަޅައިގެންފަ އެވެ.
އެ ހަފްލާއަށް ދިޔަ ހުރިހާ ތަރިން ދިޔައީ އަނބިން، ފިރިން އަދި ލޯބިވެރިންނާއި އެކު އެކު އެވެ. ނުވަތަ އެކަންޏެވެ. އެކަމަކު މި ދެ ތަރިން އެކުގައި ހަފްލާއަށް ދިއުމާއި، ފޮޓޯގްރާފަރުން ފޮޓޯ ނެގުމުގެ ފުރުސަތު ދިން އިރު ދެމީހުން ތިބިލެއް ގައިގޯޅި ކަމުން ގިނަ ބަޔަކު ދަނީ އާލިއާ އާއި ރަންބީރުގެ ގުޅުމާއި މެދު ސުވާލު އުފައްދަމުންނެވެ.
ދެމީހުންގެ ގުޅުމާއި ބެހޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން އާލިއާ ބުނީ ރަންބީރަކީ އޭނާ އަބަދުވެސް ވަރަށް ގަޔާވާ މީހެއް ކަމަށާއި އެކަން ކުރިންވެސް މީޑިއާގައި ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި ބުނީ މިހާރު ރަންބީރާއި އޮންނަނީ ކުރިން އޮންނަ ގުޅުން ނޫންކަމަށާއި ގުޅުން އެއަށްވުރެ މާ ގާތްވެފައިވާ ކަމަށެވެ.
ރަންބީރުގެ އެންމެ ކަމުދަނީ ކޮން ސިފައެއްތޯ އެހުމުން އާލިއާ ބުނީ ކުރިން ރަންބީރާއި ގުޅޭ މާގިނަ ކަންކަން އޭނާއަށް ނޭނގޭ ކަމަށެވެ. އެކަމަކު މިހާރު އެކުގައި އުޅެން ފެށުމުން އޭނާގެ މިޒާޖެ އެކި، އެއީ ވަރަށް ހިތްހެޔޮ އެންމެންނާވެސް ގުޅޭ މީހެއްކަން އެނގިފައިވާ ކަމަށެވެ. އެހެންވެ އާލިއާއަށް މިހާރު ރަންބީރުގެ ނުރަނގަޅު އެއްވެސް ސިފައެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އިތުރަށް ސުވާލުކޮށްކޮށްވެސް އާލިއާ ސީދާ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވެފަ އެއް ނުވެ އެވެ.
އާލިއާގެ މި ވާހަކަތަކާއި ގުޅޭގޮތުން ރަންބީރު އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު ރަންބީރުގެ މަންމަ އާއި އެކު އާލިއާ ބޭރުން ފެނިފާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ވަނީ އާލިއާ އާއި އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޓުވީޓެއް ކޮށްފައި އެވެ. އެ ޓުވީޓުގެ މާނަ އިންޑިއާގެ މީޑިއާ އާއި ސަޕޯޓަރުން ނަގާފައިވަނީ އެ ދެ ތަރިންނާއި ގުޅުވާފައި އެވެ.
މި ދެ ތަރިން ގާތްވެ ވަގުތު ހޭދަ ކުރަން ފެށި މިހާރު އެމީހުން އެކުގައި މަސައްކަތް ކުރަމުންދާ ފިލްމު "ބްރަމާސްޓްރާ" ގެ ޝޫޓިން ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ތިން ބަޔަކަށް ބަހާލައިގެން ޝޫޓިންތައް ކުރިޔަށް ގެންދާ އެ ފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިން ނިމިފައިވާއިރު ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޯގަސްޓު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް