މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ޣައްޒާގެ ރަފަހް އަށް ދިން ވައިގެ ހަމަލާއެއްގައި ޒަޚަމްވި މީހުންގެ ތެރެއިން އެކަކީ މާބަނޑު އަންހެނެއްކަމުގައިވާ ސަބްރީން އަލް-ސަކާނީ އެވެ. އޭރު އޭނާގެ ބަނޑަށް 30 ހަފްތާއެވެ. އެ ހަމަލާގައި ސަބްރީންގެ ފިރިމީހާ އަދި އަންހެން ދަރިފުޅު މަލަކް ޝަހީދުވިއެވެ.
ލިބިފައިވާ ސީރިއަސް ޒަޚަމްތަކަށް ފަރުވާލިބެމުންދިޔަ ސަބްރީން ޝަހީދުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ނަމަވެސް ޑަކުޓަރުންވަނީ ސަބްރީން ޝަހީދުވިފަހުން ސީރިއަސް އިމަޖެންސީ ސީ-ސެކްޝަނެއް ހެދުމަށްފަހު ސަބްރީންގެ ތުއްތު ދަރިފުޅު "ސަބްރީން އަލް-ރޫޙް އަލް ޖައުދާ" ސަބްރީންގެ ބަނޑުން ނަގާފައެވެ. ނަމަވެސް އޭރުވެސް ތުއްތު "ރޫޙް" ގެ ހާލު ވަރަށް ދެރަކަމަށް ޑަކުޓަރުންގެ ޓީމުން ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ މީޑިއާއިން ދެންމެ ރިޕޯޓުކުރިގޮތުގައި އިމަޖެންސީގައި ފަރުވާދެމުންދަނިކޮށް މީގެ ގަޑިއިރެއްހާއިރުކުރިން "ރޫޙް" ވަނީ ޝަހީދުވެފައެވެ.
އިޒްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވިމީހުންގެ އަދަދު މިއަދު ވަނީ 34،356 އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު މިއަދު ވަނީ 77،36 އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 51 އަށް އަރާފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 75 އަށް އަރާފައިވާކަމަށްވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް