ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދިރާގުން ޑީއެންއާރާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރް) އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ދިރާގު ހެޑ...

26 Apr 2024 | 13:44

ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރް) އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ، ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީއެވެ. އަދި ޑީ.އެން.އާރްގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، އަޙްމަދު އާލީއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމާއި ގުޅިގެން، ދިރާގުން ޑީ.އެން.އާރު މެދުވެރިކޮށް، ޚިދުމަތްތަކަށް އެޕްލައިކުރުމަށްޓަކައި ކަސްޓަމަރުން ހުށަހަޅާ ޤައުމީ އައިޑީ ކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާވެގެންދާނެކަމަށާއި އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދީ، ކުރިއަށްވުރެ ރަނގަޅުވެގެންވެސްދާނެކަމުގައި ދިރާގުން ގަބޫލުކުރެއެވެ.

"މި ސޮއި ކުރެވުނު ފަހުމުނާމާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމާތްތެރިކަން ލިބިގެންދާނެކަން ޔަޤީން. އަދި މި ފުރުސަތުގައި ޑީ.އެން.އާރްގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެން،" ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، އަޙްމަދު އާލީ ވިދާޅުވިއެވެ.

"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މިފަދަ މުހިންމު ޑިޖިޓަލް އިނީޝިއޭޓިވިއެއް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށ އިތުރު ސަލަމާތްތެރިކަން ފޯރުކޮށްދީ، އެފަރާތްތައް އަޅުގަނޑުމެންނާ ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ޔަޤީންވެގެން ދާނެ. އަދި މީގެ ސަބަބު ކަސްޓަމަރުންނަށް ޚިދުމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަޤީން،" ދިރާގުގެ ޑިރެކްޓަރ، ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، 'ޑިޖިޓަލް ރާއްޖެ'އަކަށް އެފަރާތްތައް ވާސިލްކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް