ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ދެވަނަ ފޯރަމް އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
މި މަހުގެ 29 ވާ ބުދަދުވަހުގެ ރޭ ބާއްވާ "އަހާ" ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ވަޒީރުންނަކީ:-
- ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވަޒީރު: މުޙައްމަދު އަމީން
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު: ޢަލީ ޢިޙްސާން
- މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު: އަޙްމަދު ޝިޔާމް
- މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު: ޑރ. މަރްޔަމް މާރިޔާ
- ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު: އިބްރާހީމް ވަހީދު (އަސްވާޑު)
ޕީއެސްއެމްއިން ބުނެފައިވާގޮތުގައި މި ފޯރަމް އޮންނާނީ 29 އޭޕްރީލް ވާ ހޯމަދުވަހުގެ ރޭ 20:30ގައެވެ.
މި ފޯރަމްގައި ބައިވެރިވެ ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެސްއެމްއެސް މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅު ނަމަ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލައްވައި ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށް ފޮނުވަންވީއެވެ.
އަހާ ފޯރަމަކީ ކޮންމެ ދެ މަހުން އެއްމަހު ވުޒާރާތަކުގެ ވަޒީރުން ހިމެނޭހެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްހެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެލައްވާ "އަހާ" ޚާއްޞަ ފޯރަމެއް ކޮންމެ ތިންމަހުން އެއްމަހު ބާއްވަންވެސް ސަރުކާރުން ނިންމާފައިވެއެވެ.
ފަސް ވަޒީރަކާއެކު "އަހާ" ފޯރަމްގެ ފުރަތަމަ ފޯރަމް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ބާއްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެލެއްވި "އަހާ" ފޯރަމްގެ "ޚާއްޞަ" ފޯރަމެއް މިދިޔަ ފެބްރުއަރީ މަހުގެ 23ގައި ބާއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް