ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ ފަޤީރުކަން ނައްތައިލެވިދާނެ: ޚުޠުބާ

ރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ ފަޤީރުކަން ނައްތައިލެވިދާނެކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ފަރުޟު ޒަކާތާއި އިޤްތިޞާދާހުރި ގުޅުން"...

26 Apr 2024 | 08:40

ރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ ފަޤީރުކަން ނައްތައިލެވިދާނެކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ފަރުޟު ޒަކާތާއި އިޤްތިޞާދާހުރި ގުޅުން" މިއެވެ.

ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށއި އެހެންކަމުން، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ޙާލަތެއް ނޫންކަމާއި ކަން މިހެން އޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހޭކަމާއި އެހެނަސް ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނޭކަމާއި އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައިކަން ފާހަގަކޮށްފައިވއެވެ.

"އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވޭ، އެއީ، ވަޟްޢީ ނަޒަރިއްޔާތަކާ މުޅިން ޚިލާފު ނަޒަރިއްޔާއެއް، މި ނަޒަރިއްޔާގައި، މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ الله سُبْحَانَهُ وَتَعَالَى،  އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެން ހުރި މީހާ، އެހެންކަމުން މުދާ ހޭދަކުރަންވާނީ އެ މުދާ ދެއްވި ފަރާތް ކަމުގައިވާ ﷲ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތަށް" ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުމެވެ. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠުތައް ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ. އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫންކަމާއި އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއްކަމާއި ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންކަމާއި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެއެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ވަކި ބައެއްގެ އަތުގައި މުދާލާއި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ. މިކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ. ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެކެވެ. ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެކެވެ. ފަޤީރުންނާއި މިސްކީނުންނާއި، ދަރަނިވެރިންނާއި، އަލަށް އިސްލާމްވާ މީހުންނާއި، ދަތުރުމަތީގައި ޙާލުގައިޖެހޭ މީހުންނާއި، އަދި މިނޫނަސް ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބަޔަށްޓަކައި، ހޭދަކުރަންޖެހޭ އެއްޗެކެވެ.

ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވާކަމާއި އިޤްތިޞާދަށް އަންނަ ލޮޅުންތަކުން އިޤްތިޞާދު ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭކަމާއި ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވާކަމާއި މިގޮތުން، އިޤްތިޞާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން އުފެއްދުންތައް ގަތުމަށް ބޭނުންވާ މިންވަރު އިތުރާކަމާއި އަދި ހަމަ އެހެންމެ އަޑިގުޑަންތަކުން އިޤްތިޞާދު ސަލާމަތްވުމަށް މަގުފަހިވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން، މުސްލިމް އިންސާނަކު، އޭނާ މާދަމާ ކާނީ ކޮން އެއްޗެއްތޯއާއި، ނުވަތަ އޮނުއޮރިޔާން ނިވައިކުރާނީ ކިހިނެއްތޯއާއި، ބޭސްފަރުވާކުރާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް ގޮތްހުސްވެ، އޭނާގެ ހިތަށް ކުރާ އަސަރާއި، އަޅާވޭނުން އޭނާ ސަލާމަތްކޮށްދިނުމަކީ ކޮންފަދަ މަތިވެރިކަމެއް! މި އުންމަތަކީ އެއް އުންމަތެއް، އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެއް، އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް މިއަދު ތަނަވަސްކަމެއް ލިބިފައިވާނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުން ފަހެ، ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ ދެއްވި މުދަލުން ހޭދަކުރޭ!

އިސްލާމްދީން ބާރުއަޅަނީ ޙަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުޤު ހޯދުމަށ ކުރާނޭ މަސައްކަތެއް އޮވެފައި، އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެކަމަށް ކީރިތި ރަސޫލާ ﷺ  ވަނީ އަންގަވާފައި." ޚުޔުބާގައި ފާހަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނެފައިވާގޮތުގައި ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫނެވެ. އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެކެވެ.  މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫނެވެ. މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑައެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. ހަމައެހެންމެ، މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅެއެވެ. މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ޙަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭނެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީޢަވާނެއެވެ.

ޒަކާތްނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލާފައިވެއެވެ. އަދި ހަމައެހެންމެ ޒަކާތާބެހޭ ޝަރުޢީ އަދި އިދާރީކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް އެންމެތަކުންނަށް ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް