ފުށްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ތާވަލު ކޮށްފި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށ...

26 Apr 2023 | 18:08

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.

އެގޮތުން މާދަމާ ހެނދުނު 9:30 އަށް ތާވަލުކޮށްފައިވާ މި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ.

މި މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ، މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ.

މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މީގެ އިތުރުން ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައެވެ.

ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗައް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކޯޓުގައި ކުރިއަށް ދާއިރު ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް