ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ވިހެއުމުންދޭ ޗުއްޓީ އެންމެ ފަހުން އިތުރުކޮށްފި އެވެ.
މިހާތަނަށް އެ އިދާރާގެ މެމްބަރުންނަށް ދެމުން އައީ ވިހެއުމުން ދެ މަސް ދުވަހުގެ ޗުއްޓީއެވެ. މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް ގެނައި އިސްލާހާއި އެކު ޗުއްޓީގެ މުއްދަތު ވަނީ ހަ މަހަށް އިތުރުކޮށްފައި އެވެ.
މިގެނައި ބަދަލު މިއަދު ވަނީ ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައި އެވެ.
މިބަދަލު ގެނެސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެ އިދާރާގެ މެމްބަރު ޝަމްއާ އިބްރާހިމް ވިހެއުމާއި ގުޅިގެން ހަ މަހުގެ ޗުއްޓީ ނުދިން މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ދަރިފުޅުގެ ހާލު ހުރި ގޮތުން އެންމެ ދެ މަހުގެ ޗުއްޓީއަކުން އޭނާ އަށް ނުވާނެތީ އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑަގަތަސް، ޓްރައިބިއުނަލުން އެ ފުރުސަތު ފަހިކޮށްދީން ދެކޮޅު ހެދި ކަމަށެވެ.
އެއަށް ރައްދު ދީ ޓްރައިބިއުނަލް އިން ބުނެފައި ވަނީ ޝަމްއާއަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.
އެގޮތުން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވެއް ނެގުމުން އިދާރާގެ މަސައްކަތަށް ބުރޫއަރައި އާއްމުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާގޮތެއްގައި އަސަރުކުރާ ކަމަށް މެމްބަރުންނަށް ގަބޫލުކުރެއްވޭތީ މަސައްކަތަށް ބުރޫނާރާނެހެން ޗުއްޓީތައް ނެގުމަށް ހުރިހާ މެމްބަރުން އެއްބަސްވެވަޑައިގެންނެވި ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް