މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ދ. މީދޫ، ބިއްލޫރިވިލާ، ސަފާ ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ބްރޯޑްކޮމްގެ މެންބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދިނީ ސަފާ ޝަފީގުގެ އިތުރުން ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު ރސ 5143 އަށެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރު ކަމަށް ސަފާ ޝަފީގު އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ 40 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އަދި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ވެސް ތިއްބެވި އެވެ.
ބްރޯޑްކޮމްއަށް ޝިހާމް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި، ބްރޯޑްކޮމްއަށް ޝިހާމް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.
މީގެ އިތުރުން ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ގައިސް މިއަހަރުގެ ޖެނުއަރީ މަހު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް މެންބަރަކު ހޮވުމަށް ހުށަހެޅުނު ނަންތަކުގެ ތެރެއިން ކޮމިޓީން ރުހުންދިނީ އާމިނަތު ނުޒުހާ އާއި ހުސައިން އަމްރު އަދި ނަރީމާން ޝަރީފު އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް