ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ކިންގްސް ކެޕިޓަލް [ފޮރެކްސް]ގެ އެއް ހިއްސާދާރު އަލްހާން ފަހުމީ މަރާލި މީހަކަށް 200،000ރ. ދޭނެ ކަމަށް ބުނެ މީސް މީޑިޔާގައި ބަޔަކު އިނާމެއް ހުށަހަޅައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް ހަދާފައިވާ ޓެލެގްރާމް ގުރޫޕެއްގައެވެ. އެ ގުރޫޕަށް ކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ އަލްހާން މަރާލި މީހަކަށް 200،000ރ. ދޭން ތައްޔާރު ކަމަށެވެ.
އަދި އެކަމަށް ކުރިމަތިލާނަމަ އެ ގްރޫޕްގެ އެޑްމިން އަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް، އަލްހާން ވަނީ ފުލުހުންނާއި ހޯމް މިނިސްޓަރު އިމްރާންގެ ކިބައިން ވެސް އެދިފަ އެވެ.
އަލްހާން މަރާލި މީހަކަށް 200،000ރ. ދޭނެ ކަމަށް ބުނެ މީސް މީޑިޔާގައި ބަޔަކު އިނާމެއް ހުށަހަޅާފައި ވާއިރު ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން 1،864 މީހެއްގެ އަތުން އޭނާ 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިގެން ވަނީ ޕޮންޒީ ސްކީމެއް ހިންގާފަ އެވެ.
ނަމަވެސް ކަމާ ބެހޭ އިދާރާތަކުން އެ ސްކީމް ހުއްޓުވުމުން އެ ފައިސާ އިންވެސްޓަރުންނަށް ނުދެވި މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އެ ސްކީމް ހުއްޓާލަން މަޖުބޫރު ވެފައެވެ.
މީގެ ކުރިން ފޭދޫ ދާއިރާގެ މެމްބަރު ކަމުގައި ހުއްޓާ ވެސް އަލްހާން އަށް ފެބްރުއަރީ 2014 ގައި ބަޔަކު ވަނީ ވަޅިން ހަމަލާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް